މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2021، ގެ ވޯޓުލުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

އެމްޑީޕީން މިރޭ ބުނީ މިއިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ކަމަށެވެ. އަދި ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މިމަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ކުރިންހަމަޖެއްސި މި އިންތިހާބު ފަސްކުރުމަށް އެމްޑީޕީން ވަނީ ނިއްމާފައެވެ. އެގޮތަށް ނިއްމީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެންނެވެ. ރައީސް ނަޝީދު މިވަގުތުވެސް ވަޑައިގެން ހުންނެވީ އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތުގައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ ޖުމްލަ 93،354 މީހުންނެވެ. އަދި މި އިންތިހާބުގައި ވޯޓުލުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިހާބުގައި ޖުމްލަ 455 މަގާމަކަށް މީހުން އައްޔަންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީ ތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން އެހެނިހެން މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން