ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބާތިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނިކޮށް ގާޒީ އިސްމާއީލް ރަޝީދު މިރޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ގާޒީ އިސްމާއީލް ރަޝީދުގެ އިސްތިއުފާ ސިޓީގައި ވިދާޅުވެފައި ވަނީ ފަނޑިޔާރު ކަމުގައި އޭނާ ހޭދަ ކުރެއްވި މުއްދަތުގައި އަމަލު ކޮށްފައި ވާނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި އިސްލާމީ ޝަރީއަތުގެ އެންމެހާ ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަ ކަމާއެކުގައި ކަމަށެވެ. އެއްވެސް ފަރުދަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާއެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އެގޮތުން ހުރިހާ މައްސަލައެއްގައި ވެސް ހަމަހަމަކަން އިސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވީ، ޖޭއެސްސީން ނިއްމައިފައިވަނީ ސިޔާސީ އަދި ޒާތީ ނިންމުމެއް ކަމަށެވެ.

"ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އަޅުގަނޑު ވަކިކުރަން ނިންމިއިރު އެ ޕެންޑްރައިވަކީ އަޅުގަނޑުގެ ޕެންޑްރައިވެއް ނޫނެވެ. ޕެންޑްރައިވާ ގުޅޭ ގޮތުން އަޅުގަނޑާއި ސުވާލެއްވެސް ކުރެވިފައެއް ނުވެއެވެ. ޣައިރު ހާޒިރުގައި ފެނުނު ޕެންޑްރައިވަކުން ފެންނަ ފައިލްއަކާއި މެދު އަޅުގަނޑު ޒިންމާވުމަކީ ހަމަ ބުއްދި ގަބޫލުކުރާނެ ހަމައެއް ނޫނެވެ،" އިސްތިއުފާގެ ސިޓީގައި ބުނެފައިވެއެެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ ސިޔާސީ ފަރާތްތަކުގެ ވަކިތަކުގެ ދަށުގައި ތާށިވެ މިނިވަންކަމާއި އަދުލަށް ހުކުމް ކުރުމުން އެއްކިބާވެފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭ ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި ހަތް މައްސަލައިގެ ހުކުމް ގާޒީ އިސްމާއިލް ރަޝީދު މާކުރިންވެސް ލިޔެފައިވާ ކަމަށެވެ. އެ ހުކުމް ލިޔެފައިވަނީ އޭނާ ގެންގުޅުނު ޕެންޑްރައިވެއްގައި ކަމަށް އެބަޔާނުގައިވެއެވެ.

ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވާފައިވާއިރު ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް އޭނާ ކުރަށްވާފައި ވާތީ އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ވެންކޫވަރ ނަސީމް

28-May-2021

މިގާޒީ މަ ދަންނަން.. މަށަށް އެނގިފައިވާ ބައެއް ކޭސްތައް މިގާޒީ ނިންމާފައިވަނީ ވަކީލުންނާއިއެކު ޑީލްހަދައިގެން، މިއީ ޢާންމުކަމެއް. މިފަދަ ގޮތަކަށް ކޯޓުން ބޭރުން ހަދާ ޑީލްތަކުގެ ސަބަބުން އެއްބައެއްގެ ޙައްގު ގެއްލި، ގިނަބަޔަކު ފާފަވެރިވުމުގެ ތެރެއަށް ވެއްޓިގެންދޭ. ގިނަ ގާޒީން ބްރޯކަރުން ބައިތިއްބާފަތިބޭ. މައްސަލަތަކުގެ މައުލޫމާތު ބްރޯކަރު މެދުވެރިކޮށް ފައިސާގެ ޑީލްތަކުގެ ތެރެއަށް ވައްދާ އެބަ ޙުކުމްކުރޭ. މިއީ ނައްތާލަންޖެހޭ ޒަމާންވީ ނުބައި ޢަމަލެއް. މިފަދަ ބްރޯކަރުންގެ މައުލޫމާތު މައެބަ ހޯދަން.



ޓްރެންޑިން