ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަދި ކުރީގެ ރަދުންގެ ދަރިކަލުން އަލްއަމީރު މުޙައްމަދު ނޫރައްދީން އަވަހާރަވެއްޖެއެވެ.

މުޙައްމަދު ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 89 އަހަރެވެ. މުޙައްމަދު ނޫރައްދީނަކީ ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްޠާން ޙަސަން ނޫރައްދީނުގެ ދަރިކަލެކެވެ.

އަލްއަމީރު މުޙައްމަދު ނޫރައްދީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، މުޙައްމަދު ނޫރައްދީނަކީ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް ދިގު މުއްދަތެއްގައި، ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެެވެ.



އަލްއަމީރު މުޙައްމަދު ނޫރައްދީން މެދުނުކެނޑި 53 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރުގެ ޚިދްމަތުގައި ހޭދަކުރެއްވިއިރު، އެމަނިކުފާނުވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުތަކެއް ފުރުއްވާފައެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ އެކި ބަދަލުތައް، އެމަނިކުފާނު ވަނީ ވަރަށް ގާތުން ދެކެވަޑައިގެން، ވަރަށްގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައެވެ. އެމަނިކުފާނަކީ، އެވަގުތަކު ދައުލަތް ހިންގަވަން ހުންނެވި ކޮންމެ ވެރިއެއްގެ އަރިހުގައި ޚިދުމަތް ކުރެއްވި ލާމަސީލު ބޭފުޅެކެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.

އަލްއަމީރު މުޙައްމަދު ނޫރައްދީނަށް ނިޝާން ޢިއްޒުއްދީނުގެ ޝަރަފުގެ ޢިއްޒަތް ދައުލަތުން އަރުވައިފައިވަނީ 26 ޖުލައި 2011 ގައެވެ. އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ފާތުމަ

27-May-2021

ރަސްކަލަކަސް، އަމީރަކަސް، ވަޒީރަކަސް، މަސައްކަތު މީހާއަށް މަރު އެއީ ޔަޤިން ކަމެކޭ!!! އަންނިއަކަށް، ކިނބުލަކަށް މިކަން ނުހުއްޓުވޭނެއޭ!



ޓްރެންޑިން