ޓްވިޓާއިން ސަސްޕެންޑް ކުރި ސަލަފްގެ އިސް ހަރަކާތްތެރިޔާ އަލީ ރަމީޒުގެ ޓްވިޓާ އެކައުންޓް އަލުން އަނބުރާ އެކްޓިވޭޓް ކޮށްދީފިއެވެ.

މިކަން އާންމުކުރަށްވަމުން އަލީ ރަމީޒު މިއަދު ވިދާޅުވީ ޓްވިޓަރއިން ސަސްޕެންޑްކުރި އޭނާގެ އެކައުންޓް އަނބުރާ ހޯދަދި ދިނުމަށް ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި މިކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރަށްވާފައެވެ.

"އަޅުގަނޑުގެ ޓްވިޓަރ އެކައުންޓް ސަސްޕެންޑް ކުރުމުން އަލުން ހޯދައިދިނުމަށް ވަރަށް ގިނަ ބޭފުޅުން އެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވާފައިވޭ. މިކަމުގައި އެހީތެރިވެދެއްވި އެންމެ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އިސްލާމްދީން ކުރިއަރުވައި ދީނީ މައުލޫމާތު އާންމުކޮށް މީހުން ހޭލުންތެރި ކުރުމަށް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ގޮތްގޮތަށް ޕްރޮގްރާމް ހިންގަވަމުން ގެންދަވާ އަލީ ރަމީޒު މީގެ ކުޑައިރުކޮޅެއް ކުރިން ވިދާޅުވެފައި ވެއެވެ.

އަލީ ރަމީޒު ގެންދަވަނީ ޓީވީ ޕްރޮގްރާމްތަކާއި ޔޫ ޓިއުބާއި ފޭސްބުކް ފަދަ މީސްމީޑިއާގެ ވަސީލަތްތައް ބޭނުން ކުރަށްވައިގެން އިސްލާމް ދީނާބެހޭ މުހިންމު މައުލޫމާތާއި ދަރުސްތައް އާންމު ކުރަށްވަމުންނެވެ. އޭނާ ވަނީ އެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް އިސްލާމްދީނާ ގުޅޭ ގިނަ ޕްރޮގްރާމް ތަކެއްވެސް ހުށައަޅުއްވާފައެވެ.



ރާއްޖޭގައި އިސްލާމް ދީނުގެ އިލްމް ކުރިއަރުވައި އިސްލާމްދީން އުނގަންނައިދީ އާންމުން ހޭލުންތެރި ކުރުވައި ދީނީ ޝިޢާރު ފާޅުކޮށް އުފުލުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުން ގެންދާ ސަލަފު ޖަމިއްޔާގެ އެމަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާކުރަށްވާ އަލީ ރަމީޒުގެ ޓްވިޓާއެކައުންޓް ސަސްޕެންޑް ކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އަލީ ރަމީޒުގެ އެކައުންޓް ސަސްޕެންޑް ކުރި ދުވަސްވަރަކީ ދިވެހީންގެ ގިނަ ބަޔަކު ޓްވިޓާގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިން ހިންގަމުން ގެންދާ އަނިޔާވެރި އުދުވާނާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔަ ދުވަސް ވަރެކެވެ. ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހީން ވާކަށް ހާމަކޮށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ހަރަކާތްތައް ހިންގަމުން ގެންދިޔަ ރާއްޖޭގެ ބަޔަކު ހިންގި ޓްވިޓާ އެކައުންޓެއްވެސް އެދުވަސްވަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް އެނގިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން