ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީ ސޭޓުން ތިބޭ ގޮޅިތައް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި މިކަން ހާމަކުރެއްވީ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ.

މުޢިއްޒު ވިދާޅުވީ، ލޯކަލް މާރުކޭޓުގައާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ސޭޓުން ބައިތިއްބައިގެން ހިންގާ ގޮޅިތައް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޙައްލުކުރަން 2 މަސްދުވަސް ދެއްވާނެ ކަމަށެވެ. 

ބިދޭސީން ތިބި ގޮޅިތައް އިސްލާހުކުރުމުގެ އިތުރުން، މާލޭ ސިޓީކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލިން 30 އިންސައްތަ ކުޑަކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. މިއީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ޢާމްދަނީ ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ނިންމެވި ނިންމެވުމެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކައުންސިލުން މިހާރު ނިންމާފައިވަނީ ވިޔަފާރިތަކުން ދައްޖަންޖެހޭ ކުލިން 30 އިންސައްތަ ކުޑަކުރުމަށްކަމަށާއި، މީގެތެރޭގައި މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކާއި މާރުކޭޓު ގޮޅިތަކާއި ފަޅުތެރޭގައި ހުރި ފައްތިޔާތަކުން ނަގާ ކުލިވެސް ހިމެނޭކަމަަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކާނިވާއިން ކެފޭ ރެސްޓޯރަންޓް ހިންގުމަށް ދީފައިވާ ބިންތައްވެސް މީގެތެރޭގައި ހިމެނޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވިޔަފާރިކުރުމަށް ދީފައިވާ ބިންތަކުގެ އިތުރުން މާލޭގައި ސިޓީކައުންސިލުން ކުއްޔަށް ދީފައިވާ ޕާކިން ޒޯނުތަކުގައި ޕްރައިވެޓް ކާރުތަކަށް ދޫކޮށްފަވާ ޒޯންތަކުން ނަގާ ފީ ދާއިމީކޮށް ކުޑަކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ކުރިން ކަނޑައަޅާފައިވާ 3000ރުފިޔާގެ ކުލި، 1500 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ކޯވިޑްގެ މި ޙާލަތުގައި މިހާރުވަނީ 1000 ރުފިޔާއަށް މިފީވެސް ކުޑަކޮށްފައެވެ. މީގެއިތުރުން ސިޓީކައުންސިލުންވަނީ ޕާކިން ލޮޓްތަކަށް ޓެކްސީތަކުން ދައްކާ 3000ރުފިޔާވެސް 750ރުފިޔާއަށް ކުޑަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން