ހެޕީ މާރކެޓުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ހަދިޔާކުރި ފެން ބަލައިގަތީ އެފެސިލިޓީން މިނަރަލް ވޯޓަރ ހުސްވެގެން ނޫންކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިހެން ބުނެފައި މިވަނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީން ބޯފެން ހުސްވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ބުނީ ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގަމުން އަންނަ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ޚިދުމަތް ދެނީ ކޭޓަރިންގ އުޞޫލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެންކަމަށެވެ. އަދި ކެއުން އޮންނަ ހުރިހައި ވަގުތެއްގައާއި އެނޫން ވަގުތުތަކުގައިވެސް އެތަނުން މިނަރަލް ވޯޓަރ ލިބެން ހުންނާނެކަމަށް އައިޖީއެމްއެޗުން ބުނެއެވެ.



އައިޖީއެމްއެޗުގެ ބަޔާނުގައި ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުންވެސް އެޗް.އެމް.އެފަށް ވަރަށް ފަހުން ފެން ހަދިޔާކުރިކަމަށާއި، ނަމަވެސް އެ ފެނަކީ ފެސިލިޓީން މިނަރަލް ވޯޓަރ ހުސްވެ ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް އެއީ ޙަޤީޤަތެއް ނޫންކަމަށެވެ. އަދި އެފަދަ މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ފެސިލިޓީއަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން އައިޖީއެމްއެޗުން ވަނީ ދީފައެވެ.

ކޯވިޑް ޖެހިފައިވާ ގިނަ މީހުންނަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނައިރު، އެތަނުގެ ކަންކަން އޮތީ ބޮއްސުންލާފައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން އެކަންކަން ދޮގުކުރެއެވެ. ސަރުކާރުން ބުނެފައިވަނީ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ކޯވިޑްގެ ބަލިމީހުން ކުއްލިއަކަށް އިތުރުވުމުން ސިއްޚީ ޚިދުމަތްތެރިންގެ ޚިދުމަތަށް ބުރޫއަރަމުންދާ ކަމަށެވެ. މިކަން ރަނގަޅު ކުރެވޭނީ އާންމު ރައްޔިތުން ފަރުދީ ޒިންމާއަދާކޮށް ބަލި ފެތުރޭ މިންވަރު މަދުކޮށް އެޑްމިޓް ކުރަންޖެހޭ މީހުންވެސް މަދު ކުރެވިގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން