ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގައި އަތޮޅު ކައުންސިލުގެ ރައީސް ތަމްސީލުކުރާ މެމްބަރުގެ ގޮތުގައި ކ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ނިމާލު ހޮވިއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ސިޓީ ކައުންސިލް މެމްބަރަކާއި، އަތޮޅު ކައުންސިލެއްގެ ރައީސަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހިމެނެން ޖެހޭނެއެވެ. މިއީ ކައުންސިލަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން އައްޔަންކުރަންޖެހޭ މަގާމްތަކެކެވެ.

އަތޮޅު ކައުންސިލުގެ ރައީސުންގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދާކުރެއްވި އަދި ކ. އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް ނިމާލް ހޮވިވަޑައިގެންނެވީ، އެމަގާމަށް ދެން ކުރިމަތިލެއްވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުގެ އެޕްލިކޭޝަން ބާތިލްވުމުންނެވެ. ބަޝީރުގެ އެޕްލިކޭޝަން ބާތިލްވީ ހުށަހަޅަންޖެހޭ ވަގުތަށްވުރެ ފަހުން އެޕްލިކޭޝަން ހުށަހެޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އެލްޖީއޭގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން 24 މޭ 2021 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާފައިވާ ފޯމުތައް ބަަލައި ނުގަންނަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ބަޝީރު ފޯމު ހުށަހަޅުއްވާފައި ވަނީ 24 ވަނަ ދުވަހުގެ 14:04 ގައެވެ.



ނަމަވެސް ބަޝީރު ވިދާޅުވީ އޭނާ ފޯމް ހުށަހަޅަންޖެހޭ ވަގުތަށްވުރެ ކުރިން ފޯމް ހުށަހަޅާފައިވާކަމަށެވެ.



އަތޮޅު ރައީސުންގެ އިތުރުން ރަށު ކައުންސިލުގެ މެމްބަރަކާއި، ސިޓީ ކައުންސިލުގެ މެމްބަރެއްވެސް އެލްޖީއޭއަށް އިންތިހާބު ކުރާއިރު، ސިޓީ ކައުންސިލުގެ މެމްބަރުންގެ ގޮތުގައި ފޯމު ލާފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި މާލޭ މޭޔަރު ޑރ މުހައްމަދު މުއިއްޒެވެ. އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ފައިޒުއްރަހުމާނު ފޯމް ހުށަހެޅުއްވިނަމަވެސް، ސުންގަޑިއަށްވުރެ ލަހުން ފޯމް ހުށަހެޅުމުން އޭނާގެ ފޯމްވެސް ވަނީ ބާތިލްވެފައެވެ.

ރަށު ކައުންސިލުތަކުން އެލްޖީއޭގެ ބޯޑަށް 8 ކައުންސިލަރަކު ވާދަކުރަން ފޯމު ހުށަހެޅުއްވިއެވެ. އޭގެތެރެއިންވެސް އެއްބޭފުޅަކު ފޯމް ބާތިލްވުމުން، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް ވާދަ ކުރާނީ 7 ބޭފުޅެކެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ ޖޫން 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން