އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ފާސްކޮށްފިއެވެ.

އިންޑިޔާ ސަރުކާރުން އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވި ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުން ޗެއާ ކުރައްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިޔާގެ ކެބިނެޓްގެ ނިއްމުމުގައި ބުނެފައިވަނީ ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ.

އަދި ރާއްޖެ އާއި އިންޑިއާ އަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި ބަހަވީ ގޮތުން އެއްގޮތްކަމެއް ހުރި ދެ ގައުމު ކަަމަށާއި އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމުކަމަށް އިންޑިޔާގެ ކެބިނެޓުގެ ނިއްމުގައިވެއެވެ. އެ ނިއްމުމުގައި ބުނާގޮތުންއައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ބާރުތައް އިތުރަށް ގާއިމުވެ ވަރުގަދަ ވެގެންދާނެއެވެ.



އިންޑިއާގެ މިޝަނެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ "ސަބްކާ ސާތް ސަބްކާ ވިކާސް" ނުވަތަ އިންޑިއާއިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އިންޑިއާގެ ޑިޕްލޮމެޓިކް ޕްެރެސެންސް އިތުރުކުރުމަކީ އިންޑިއާގެ ކުންފުނިތައް ކުރިއެރުމަށް ލިބޭ ފުރުސަތެއްކަން އިންޑިޔާގެ ކެބިނެޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ގައުމުގެ ކުންފުނިތަކުގެ އުފެއްދުންތައް އެކްސްޕޯޓުކޮށް، މާކެޓު ކުރުމަށް މިއާއެކު އިތުރު ފަސޭހައެއް ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

މިއީ "އާތްމާ ނިބަރް ބާރަތް" ނުވަތަ ސެލްސް ސަފިޝަންޓް އިންޑިއާ އަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެއް ކަމަށާއި އެ ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމާވެސް ގުޅުން ހުރި ކަމެއް ކަމަށް އިންޑިޔާގެ ކެބިނެޓުގެ ނިއްމުމުގައި ބުނެފައިވެއެވެ.

މިއީ އިންޑިއާގެ ނިންމުމެއް ކަމަށް ބުނެ ދިވެހި ސަރުކާރުން މިިކަމާ ބެހޭގޮތުން ވާހަކަ އެއް ނުދެއްކިއެވެ.

އެހެން ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި ވިއެނާ ކޮންވެންޝަނާ އެއްގޮތަށް ޑިޕްލޮމެޓިކް މިޝަންތައް ގާއިމުކުރަން ލިބޭ ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން