ސިއްހީ ދާއިރާއިން ކިޔެވުމަށް ވިލާ ފައުންޑޭޝަންގެ ބާނީ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ދެއްވާފައިވާ ހުރިހާ ލޯނުތަކެއް މިއަދު މާފުކޮށްދެއްވައިފިއެވެ.

މިކަން ހާމަކުރަށްވާފައިވަނީ ވިލާ ފައުންޑޭޝަންގެ "ސްކޮލަރޝިޕްސްކީމް" ގެދަށުންނާއި ޤާސިމް އިބްރާހިމްގެ ލޯނުއެހީގެ ދަށުން މެޑިސިން، ނާސިންގ އަދި މެޑިކަލްދާއިރާއިން ސްކޮލަރޝިޕް ލިބިވަޑައިގެން މަތީތައުލީމުގެ ސްކޮލަރޝިޕް ފުރިހަމަކުރައްވާފައިވާ ވިލާ ސްކޮލަރުންނަށް ގާސިމް އިބްރާހިމް ފޮނުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވަނީ "ވިލާ ފައުންޑޭޝަންގެ 'ސްކޮލަރޝިޕްސްކީމް' ގެދަށުންނާއި ޤާސިމް އިބްރާހިމްގެ ލޯނުއެހީގެ ދަށުން އަދި މިނޫން ވެސް ގޮތަކުން އަޅުގަނޑުގެ ފާރާތުން އެކި މިންވަރުގެ އެހީތެރިކަން ސިއްހީދާއިރާއިން ކިޔަވާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެން މެޑިސިން، ނާރސިންގ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ކިޔަވާވިދާޅުވެގެން ތިއްބެވި ޑޮކްޓަރުންނާއި ނަރުހުން، ފާމަސިސްޓުންނާއި ލެބޯޓްރީ ޓެކްނީޝަނުން، އަދި މެޑިކަލްސައިންސްގެ ރޮނގުން ކިޔަވާ ވިދާޅުވެ ރާއްޖޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނާއި އަދި ރާއްޖެއިން ބޭރުގައި ނަމަވެސް އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންގެތެރެއިން ވިލާފައުންޑޭޝަނުން ނުވަތަ އަޅުގަނޑުގެ ފަރާތުން ނަމަވެސް އިސްވެ ދެންވިދިޔަ ދާއިރާތަކުންކުރެ ދާއިރާއަކުން ކިޔަވައިވިދާޅުވުމަށް އެއްވެސް މިންވަރެގެ ފައިސާގެ އެހީތެރިކަމެއް ލިބިފައި ވާނަމަ އެލިބިފައިވާ އެހީތެރިކަމުގެ ތެރެއިން އެއްވެސް މިންވަރެއްގެ ފައިސާއެއް ދެއްކުމަށް އެއްބަސްވެވި ވިލާފައުންޑޭޝަނައް ނުދެއްކި ވާނަމަ، އެ ނުދެއްކެވި އޮތްމިންވަރެއްގެ ފައިސާ މިއަދު (26 މޭ 2021) ދުވަހު އަޅގަނޑު ޤާސިމް އިބްރާހިމް ތިޔަ އެންމެބޭފުޅުންނަށް މާތްﷲގެ حَضْرَة އިން ވާގި އެދިހުރެ މަޢާފްކޮށްދީފީމެވެ. (އެއީ ކިތަންމެ ބޮޑު ޢަދަދެއްގެ ފައިސާ ކަމައްވިޔަސް އަދި ކުޑަ އަދަދެއް ކަމައް ވިޔަސްމެއެވެ.)"

ގާސިމްގެ ބަޔާނުގައި ކޮރޯނާ ބަލިމަޑުކަމުގެ ސަބަބުން އެފައުންޑޭޝަނަށާއި ވިލާކުންފުންޏަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުންދިޔަކަމުގައި ވިޔަސް، މިފަދަ ނިންމުމެއް ނިންމެވީ މުޅި ދުނިޔެއަށާއި ދިވެހި ޤައުމަށް ދިމާވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނާއި އަދި މެޑިކަލް ދާއިރާގެ ސްޓާފުން އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ މަތިވެރި ޚިދުމަތްތަކެއް، ކެނޑިނޭޅި ކުރައްވަން ޖެހިވަޑައިގެންފައިވާ ދުވަސްވަރަކަށްވާތީއެވެ.

ގާސިމް ވިދާޅުވީ މިފާއިތުވި ދޮޅުއަހަރެއްހާދުވަހު ސިއްހީ ހިދުމަތްތެރިން ވަރުބަލިކަމެއްނެތި ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ބުރަމަސައްކަތްތައް އުފަލާއިއެކު ބަލައިގަނެ ވިލާފައުންޑޭޝަނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައި ވެއެވެ.

ގާސިމްގެ ބަޔާނުގައި ސަރުކާރާއި ސިއްހީ އެހީތެރިންނާއި ސިވިލް ސާވަންޓުންނާއި ސަލާމަތީ ޚިދްމަތްތަކުގެ މުއައްޒިފުންނާއި ވިޔަފާރިވެރިންނާ އަދި ދިވެހި ޢާއްމުފަރުދުން ކޮށްދެއްވަމުންގެންދަވާ ބުރަމަސައްކަތް ފާހަގަކުރަށްވައި އެފަރާތްތަކަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި މިއަދަކީ އަޅުގަނޑުމެން އެންމެން އެކަކު އަނެކަކަށް މަދަދުވެރިވެ ކެތްތެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތްކުރަންވީ ދުވަސްކަމަށް ވިދާޅުވެ، ދިވެހިސަރުކާރާ ދިވެހިރައްޔިތުން އެކުގައި ކުރަމުންގެންދާ މިންނެތް މަސައްކަތްތަކުގައި ގަދަކީރިތިވަންތަ މާތްﷲގެ ހެޔޮރަޙްމަތް ލައްވަވައި ކޮރޯނާގެ ވަބާއިން ގައުމުގެ އެންމެހައި ރައްޔިތުންނާއި، މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

ގާސިމް އިބްރާހިމަކީ ދިވެހި ދަރީންގެ މަތީ ތަޢުލީމާއި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. ޚާއްޞަކޮށް ރާއްޖެއިން ފަރުވާ ނުލިބޭ ބޮޑެތި ބަލިތަކާއި އެކި ސަބަބު ތަކާހުރެ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ގޮސް ސިއްހީ ފަރުވާ ހޯދޭވަރުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ވިލާ ފަންޑޭޝަނާއި ގާސިމްގެ އެހީގައި ދިވެހި ގިނަ ދަރީންތަކެއް މަތީތަޢުލީމް ހާސިލުކުރަށްފާއިވާކަން ވެސް ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

Mohamed Zaeem

27-May-2021

Gaasimah faagathi dhulhaheyo dhigu umurakah edhen Gaumah beynuvanee Gaasimu fadhaveriyeh Zaeem


0

Mohamed Zaeem

27-May-2021

Gaasimah faagathi dhulhaheyo dhigu umurakah edhen Gaumah beynuvanee Gaasimu fadhaveriyeh Zaeem


6

Mohamed Zaeem

27-May-2021

Gaasimah faagathi dhulhaheyo dhigu umurakah edhen Gaumah beynuvanee Gaasimu fadhaveriyeh Zaeem


-1

Mohamed Zaeem

28-May-2021

Gaasimah faagathi dhulhaheyo dhigu umurakah edhen Gaumah beynuvanee Gaasimu fadhaveriyeh Zaeem



ޓްރެންޑިން