ކޮވިޑާއި ގުޅިގެން މާލެ ސަރަހައްދުގައި މާދާމާއިން ފެށިގެން 24 ގަޑިއިރު ކާފިއު ހިންގާތީ، މާލޭގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު ނުކުމެ މުދާގަނެ ފިހާރަތައް ހުސްކޮށްފިއެވެ.

މާދަމާ އިން ފެށިގެން 24 ގަޑިއިރު ކާފިއު ހިންގުމަށް ނިއްމައިފައިވާއިރު ހުއްދަ ނެތި ބޭރުގައި އުޅުން ވަނީ ކޮށްފައެވެ. ޒަރޫރީ ބޭނުމަށް ބޭރަށް ނުކުތުމަށް ވަކި ހުއްދައެއް ބޭނުންވާއިރު ކޮންމެ ގޭބިސީއަކަށް ދޫކުރަނީ ދެ ފާހެވެ. އެ ފާސް ދޫކުރަނީ ގޭގެ މީޓަރަށް ބަލައިގެންނެވެ. އެ ފިޔަވަޅުތައް އަޅަނީ ދެ ހަފުތާގެ މުއްދަތަށެވެ. މިއަދު ފިހާރަތައް ހުޅުވީއްސުރެ ދެ ހަފުތާގެ ގޭބަންދުގެ ސާމާނު ޖަމާކުރުމަށް ގިނަ ބަޔަކު އެއްފަހަރާ ނުކުތުމުން މަގުތައް ވަނީ ތޮއްޖެހިފައެވެ.

އެގޮތުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ޖެހިގެން ވަނީ ކުރިއަށް އޮތް ދެ ހަފުތާއަށް ވާވަރަށް ގެއަށް ބޭނުންވާ ސާމާނު ގަނެފައެވެ. މީގައި ސުޕަމާކެޓެއް، މާޓެއް، ނޫނީ ކަންމަތީ ފިހާރައެއް ތަފާތެއް ނެތި އެއްޗެހި ގަތުމަށް މިއަދު ފިހާރަތައް ދޮށުގައި ގިނަ ބަަޔަކު ކިިޔޫހެދިއެވެ. މިގޮތުން މާލެ ސަރަހައްދުގައި އެންމެ ބޮޑަށް ތޮއްޖެހުނީ ޑެއިލީ މުދާ ވިއްކާ ފިހާރަތެކެވެ. މާލޭގައި ހިންގާ މަޝްހޫރު ހުރިހާ ބޮޑެތި ފިހާރަތަކުގެ ބޭރުގައި ކިޔޫއޮތެވެ. މިފްކޯގެ މަސްފިހާރައިގައިވެސް އެހާ ކިޔޫ ދިގެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯގެ ފިހާރަތަކުން ފަހުން ރޯމަސް ވިއްކީ ކޮންޓްރޯލްކޮށްގެން މީހަކަށް ކިލޯއެއްގެ މަގުންނެވެ. މެންދުރުފަހަށް އަޅާލިއިރު ގިނަ ފިހާރަތަކުން ބައެއްކަހަލަ މުދާ ހުސްވެފައި ހުރިކަން ވެސް ފާހަގަ ކުރެވެއެވެ. ފިހާރައަކުން ނުކުތް މީހަކު ބުނީ ބްރައުން ބިސް އެހިސާބުގެ ހުރިހާ ފިހާރައަކުން ހުސްވެފައިވާ ކަމަށެވެ.

"އަސްލު ކޯވިޑްގެ ހާލަތާއެކު މާލޭގެ ވިޔަފާރިތައް ވެސް މިއޮތީ މިއަދާ ޖެހުނުއިރުވެސް ވަރަށް ހާލަތު ދަށްކޮށް. މިހެން އޮއްވާ ލޮކްޑައުނޭ ނުކިޔާ ލޮކްޑައުން ކޮށްލީ. ބޭނުންވާ ގިނަ އެއްޗެހި ހުސްވެފައި. ބްރައުން ބިސް ނެތް، ތަރުކާރީ އެއް ނެތް، މޭވާކޮޅެއް ނެތް، ކިރުވެސް ޗޮއިސްއެއް ނެތް. ބޭނުމިއްޔާ ހަރުގަނޑުގަ ހުރިއެއްޗެއް ނަގައިގެން ދާންވީ. ދެން އަތުޖެހުނު އެއްޗެއް ގަނެގެން އަޅުގަނޑުވެސް މިދަނީ. ނުކައެއް ނުތިބެވޭނެތާ." އަތް ފުރާ ކޮތަޅުތައް ހިފައިގެން މަޖީދީމަގުގައި ހުންނަ މަޝްހޫރު މާރޓަކުން ނުކުތްމީހަކު ބުންޏެވެ.

އާންމު މުދާ ވިއްކާ ފިހާރަތަކުގެ އިތުރުން ބޭސް ފިހާރައާއި ކޮސްމެޓިކް ފަދަ ބާވަތްތައް ވިއްކާ ބައެއް ތަންތަނަށްވެސް މިއަދު ބާރު ބޮޑުވިއެވެ.

ފިހާރައަކުން ވާހަކަދެއްކި މީހަކު ބުނީ މިއަދު އެންމެ ގިނައިން މީހުން ގަންނަނީ ބޯފެނާއި ޓިޝޫއާއި ކާޑުގެ ބާވަތްތަކެވެ.

"މިނެރަލް ވޯޓާ މިހާރު މިވިއްކަނީ ކޮންޓްރޯލްކޮށްގެން. ދެން އެންމެ ވިކެނީ ކިރުގެ ބާވަތްތައް. ދިޔާކިރު ބޮޑެތި ޕެކެޓާއި ކުދިވެސް ގަނޭ." ވަރަށް ހުސްކޮށް ފެންނަންހުރި ދިޔާ ކިރު ޕެކެޓް ޖަހާފައި ހުންނަ ހަރުގަނޑަށް އިޝާރާތްކުރަމުން ސޭޓް ބުންޏެވެ.

މާލޭގެ ފިހާރަ އަކުން ވިޔަފާރި ކުރަން ދިޔަ އެހެން މީހަކު ބުނީ، މިދިޔަ ފަހަރުވެސް ލޮކްޑައުންގައި އެއްޗެއް ނުގަތީ ސަރުކާރުން އެގޮތަށް އެދުމުން ކަމަށެވެ. ގެއަށް މުދާ ޑެލިވަރީ ކޮށްދޭނެއޭ އެފަހަރު ބުނި ކަމަށާއި އެހެން ނަމަވެސް ގެއަށް ބޭނުންވާ އެއްޗެހި ޑެލިވަރީ ކޮށްނުދެވިގެން އެންމެ ފަހުން ގޭގެ ހުރިހާ އެއްޗެއް ހުސްވީކަމަށް އޭނާ ބުނެފައިވެއެވެ. މިދިޔަ ލޮކްޑައުންގައި ޑެލިވަރީގެ ޚިދުމަތް ދިނީ ސިފައިންނެވެ.



މާދަމާއިން ފެށިގެން ލޮކްޑައުން ނުކުރި ނަމަވެެސް 24 ގަޑިއިރު ކާފިއު ހިންގާތީ ގިނަ ބަޔަކު ގަބޫލުކުރަނީ އެއީ ހަމަ "ލޮކްޑައުން" ކަމަށެވެ. ކުރިން ލޮކްޑައުން ކުރުމުން މާލޭ ސަރަހައްދުގެ މުޅި ސަޕްލައި ނިޒާމަށް ބުރޫއަރައި، ކާބޯތަކެއްޗާއި ބޭހަށް ޖެހި ގިނަ ބަޔަކު ވަނީ ޝަކުވާކޮށްފައެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން މާދަމާއިން ފެށިގެން މާލޭގައި އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން