ކޮވިޑާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފަައިވާއިރު މި ވަގުތަކީ ރާއްޖެ އިން ޗައިނާގެ އެހީތެރިކަމަށް އެދެންވީ ވަގުތު ކަމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީ މިިހެން ވިދާޅުވީ މި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ސަރުކާރުން ބުނެފައިވާ ވާހަކައަށް އިޝާރަތް ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. އިބްރާހިމް ދީދީ ވިދާޅުވީ މިއީ ރާއްޖެއިން ޗައިނާގެ އެހީއަށް އެދެންވީ ވަގުތު ކަމަށެވެ. އަދި ޗައިނާ އިން ފްލައިޓެއްގައި ނަރުހުންނާއި ޑޮކްޓަރުން އަދި ސިއްހީ ސާމާނު ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ދީދީ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ މިހެން ވިދާޅުވެފައިވާއިރު ރާއްޖެއިން ކޮވިޑްގެ ކޮންޓްރޯލް ގެއްލި ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު މަރުވަމުންދާކަން ފާހަަގަކޮށްލެވެއެވެ. އިއްޔެ އެކަނިވެސް 13 މީހުން މަރުވެފައިވާއިރު މިއަދުވެސް 2 މީހަކު މިހާތަނަށް ވަނީ މަރުވެފައެެވެ. ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުންދާއިރު ބައެއް ދުވަސް ދުވަހު އެ އަދަދު 2000 އިން މައްޗަށް އަރައިގެންދެއެވެ.

ކޮވިޑާއި ގުޅިގެން މީގެ ކުރިންވެސް ރާއްޖެއަށްވަނީ ޗައިނާއިން ވަރަށް ބޮޑު އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާއިން އުފެއްދި ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށް ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ސިއްހީ ބައެއް ސާމާނވެސް ވަނީ ހަދިޔާ ކޮށްފައެވެ.

ޗައިނާއަކީ ކޯވިޑްގެ ހުރިހާ ހާލަތެއް އެންމެ ފުރަތަމަ ތަޖުރިބާކޮށް އެތަޖުރިބާގެ އަލީގައި ވަރަށް ފުރިހަމައަށް ކޯވިޑް ކޮންޓްރޯލްކޮށް އެގޮތުގައި ދަމަހައްޓަމުން ގެންދާ ގައުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން