ހުޅުމާލެއާއި މާލެއާ ދެމެދު، ސިނާމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހަވީރު ހިނގި މި އެކްސިޑެންޓްގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އާމިރަށް ފަރުވާ ދެމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އެކްސިޑެންޓުގައި އާމިރުގެ މޫނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށެވެ. އެހެން ނަމަވެސް މިހާރު ހާލުކޮޅު ރަނގަޅު ވަމުން އަންނަ ކަމަށާއި، އޮންނެވީ އޮބްޒަވޭޝަންގައި ކަމަށް ނިއުޝާ ވިދާޅުވިއެވެ.



ފުލުހުންގެ އިދާރާއިން ބުނީ، މާލެއިން ހުޅުމާލެއަށް ދާން ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއް ފުރޮޅު ފަޅައިގެން ގޮސް ކަހާލައިގެން ވެއްޓި އެ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހަވީރު 5:15 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން އާމިރާއި އޭނާގެ އާއިލާގެ ބަހެއް އަދި ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު