ޝަރުޢީ ދާއިރާއިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އުއްތަމަ ފަނޑިޔާރު އަންގަވައިފިއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާނު މގޮތަށް އެންގެވީ އެމަނިކުފާނު ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، ސުޕްރީމް ކޯޓުން 23 ފެބުރުވަރީގައި ޢާންމުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތީން ފިޔަވަޅުތައް އަޅުއްވައިގެން، ޝަރުޢީދާއިރާއިން ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަންގަވާފައިވެއެވެ.



މިގޮތުން، އެ ރަށެއް ނުވަތަ އެ ސަރަޙައްދެއްގެ ހާލަތު ގޯސްވުމުގެ ސަބަބުން ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ޙާލަތްތަކުގައިވެސް، އެ ހާލަތާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އަޅާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލީސްތަކާއި ކާވެނީގެ މަޖިލީސްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެގޮތައް އިންތިޒާމްތައް ހަމަޖެއްސެވުމަށް ވަނީ ދަންނަވާފައެވެ.

އަދި ކޯޓަށް ހާޒިރުވެގެން ޚިދުމަތްތައް ފޯރުކޮށްދެވޭ ފަދަ ޙާލަތުގައިވާ ސަރަޙައްދުތަކުގައި އެ ރަށެއް ނުވަތަ އެ ސަރަޙައްދެއްގެ ޙާލަތާގުޅޭގޮތުން އެވަގުތަކު ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް، ކޯޓަށް ހާޒިރުވެގެން ޚިދުމަތް ލިބިދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށާއި އަދި މައްސަލައިގެ ބާވަތުން ކޮންމެހެން ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައްވެސް އެގޮތުގެ މަތީން ކުރިއަށް ގެންދެވުމަށްވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ ސަރަޙައްދު ލޮކްޑައުންކޮށް، ޚާއްސަ ހުއްދައެއް ނަގައިގެން ނޫނީ މަގުމައްޗަކަށް އާއްމުންނަކަށް ނުނިކުމެވޭނެއެވެ. އަދި ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ޚިދުމަތް ނުދިނުމަށްވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން