އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރަނީ ސިޔާސީ ލީޑަރުންގެ ދޫތައް ބަންދު ކުރުމަށްފަހުކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމްކުރުމަށް އިންޑިއާގެ ވަޒީރުންގެ މަޖިލީހުން ނިންމެވުމާއި ގުޅިގެެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.

އުމަރު ނަސީރު ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމް ކުރަން އިންޑިޔާއިން ނިންމި ނިންމުމާމެދު ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންޑިޔާއިން ރާއްޖޭގެ އެތެރެއަށް ވަންނަމުންދާ ދިއުމީ ދިވެހިންގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ޤަބޫލު ކުރަން ދަތިވެފައި ތިބި މަދު ބަޔަކަށް އިންޑިޔާގެ މިއަމަލުތަކުން އެމީހުންގެ ނިޔަތް ސާފުވެގެންދާނޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާގެ ހެލިކޮޕްޓަރުތަކާ މަތިންދާ ބޯޓުތަކާ، އެ މީހުންގެ ސިފައިންނާ، ރާޑަރ ސްޓޭޝަންތަކާ، މިލިޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީން މަރުކަޒާ، އެފެންވަރަށް އުތުރު ތިލަފަޅުގައި ހެދުމަށް އެއްބަސް ވެފައިވާ މަރުކަޒާ، އެމީހުންގެ ކޮންސިއުލޭޓް އޮފީސްތަކާ، ރާއްޖޭގެ އެތައް ސަރަހައްދަކަށް މި ފަތުރާލަނީ ސިޔާސީ ލީޑަރުންގެ ދޫތައް ބަންދު ކުރުމަށްފަހުކަމަށެވެ.

"ކޮރަޕްޓް ވެރިން ތަކެއްގެ އަތްދަށުގައި ޤައުމެއް ތާށި ވެއްޖެނަމަ ކޮންމެފަދަ ނިކަމެތި ކަމެއްވެސް ތަޙައްމަލު ކުރަން ޖެހިދާނެ. ދިވެހި ހަރު ބަހެއްގައި އޮވެއެވެ. ނަރެއްހާތަން ދޫކޮށްލިއްޔާ، ކެނބެއްހާތަން ދަމައިގަންނާނެއެވެ. ރާއްޖޭގެ ވެރިކަން ކުރެއްވި ބޭބޭފުޅުން، އިންޑިއާއަށް ބޮނބި ނަރެއްހާތަންވެސް ދޫކޮށްނުލަނީ މި ސަބަބަށްޓަކައި." އުމަރު ވިދާޅުވިއެވެ.

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާއިރު، ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމި ކަމަކަށް އަދި ނުބުނެއެވެ. ނަމަވެސް ރޭ ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް ޞާލިހު ވަނީ އެކަމަށް ރުހުން ދެއްވާނެފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ. މައުލޫމާތު ލިބެމުންދާ ގޮތުގައި ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާއަށް ވަޑައިގެން ކުރަށްވާފައިވާ މަޝްވަރާ ތަކުގައި މިކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް ފާސްކުރީ ހޯމަދުވަހު ބޭއްވި އިންޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުން ޗެއާ ކުރައްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިޔާގެ ކެބިނެޓްގެ ނިއްމުމުގައި ބުނެފައިވަނީ ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ އަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި ބަހަވީ ގޮތުން އެއްގޮތްކަމެއް ހުރި ދެ ގައުމު ކަަމަށާއި އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމުކަމަށް އިންޑިޔާގެ ކެބިނެޓުގެ ނިންމުގައިވެއެވެ. އެ ނިންމުމުގައި ބުނާގޮތުން އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ބާރުތައް އިތުރަށް ގާއިމުވެ ވަރުގަދަ ވެގެންދާނެއެވެ.

އިންޑިއާގެ މިޝަނެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ "ސަބްކާ ސާތް ސަބްކާ ވިކާސް" ނުވަތަ އިންޑިއާއިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އިންޑިއާގެ ޑިޕްލޮމެޓިކް ޕްެރެސެންސް އިތުރުކުރުމަކީ އިންޑިއާގެ ކުންފުނިތައް ކުރިއެރުމަށް ލިބޭ ފުރުސަތެއްކަން އިންޑިއާގެ ކެބިނެޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ގައުމުގެ ކުންފުނިތަކުގެ އުފެއްދުންތައް އެކްސްޕޯޓުކޮށް، މާކެޓު ކުރުމަށް މިއާއެކު އިތުރު ފަސޭހައެއް ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

މިއީ "އާތްމާ ނިބަރް ބާރަތް" ނުވަތަ ސެލްފް ސަފިޝަންޓް އިންޑިއާ އަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެއް ކަމަށާއި އެ ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމާވެސް ގުޅުން ހުރި ކަމެއް ކަމަށް އިންޑިޔާގެ ކެބިނެޓުގެ ނިންމުމުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-6

އަހައްމަދާ

04-Jun-2021

ކާފަރު ގައުމަކަސް އިސްލާމް ގައުމަކަސް ތަފާތުކުރުމެއްނެތި މިގައުމުގެ އިސްތިގުލާލު ދިވެހިން ނޫން އެއްވެސް އެހެން ބަޔަކަށް ދޫކޮށްލެވިގެން ނުވާނެ. އިންޑިޔާގެ ޢަމަލުތައް ހުރިގޮތުން ދެގައުމުގެ ގުޅުމަށް މިދަނީ ވަރަށް ބޮޑަށް އަސަރު ކުރަމުން. ދިވެހިންގެ ހިތްތަކުގައި އިނޑިޔާއަށް ނަފްރަތު އިތުރުވަމުންދާ ކަމުގެ އިހުސާސް އެބަކުރެވޭ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ އިންޑިޔާ ނުރުހޭ އެހެން ގައުމުތަކާއި ދިވެހިންނަށް ވަކި ޚާއްޞާ ގުޅުންތަކެއް ބާއްވަން މަޖުބޫރުވުން.


13

ރަހްމަ

27-May-2021

ސަޤާފީގޮތުންވެސް ދީނީގޮތުންވެސް. އިންޑިއާ އާ. ދިވެހިރާއްޖެ އެއްވެސްގުޅުމެއްނެތް އިންޑިއާ ނިސްބަތްވަނީ ކާފަރު ބުދުދީނަށް އަދި އިންޑިއާގަ އެއްޖިންސުން ކާވެނިކުރާމީހުންނޫޅޭތޯ އެހެންވީމަ އިންޑިއާއަށް އެއްވެސް ޖާގައެއްދީގެންނުވާނެ



ޓްރެންޑިން