ގެދޮރު އިމާރާތް ކުރުމަކީ އަމިއްލަ ވިޔަފާރިއަކަށް ވާތީ، އެތަންތަނުގެ ކުލި ކަނޑައެޅުން ފަދަ ކަންކަމަކީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އަންގައިފިއެވެ.

މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ)ގެ ފަރާތުން, ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. ސަތޭކަ މީހުންގެ ސޮޔާއެކު ޕެޓިޝަންގައި މަޖިލިސް މެމްބަރެއްގެ ގޮތުގައި ސޮއި ކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

އެ ޕެޓިޝަނުގައި ބުނީ މާލޭގައި ދިރިއުޅެމުންދާ މީހުންގެ 63 އިންސައްތައަކީ ނުވަތަ މެޖޯރިޓީއަކީ ކުއްޔަށް ދިރިއުޅޭ ރައްޔިތުންނަށް ވީހިނދު، މި ރައްޔިތުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރެއް ކުއްޔަށް ހޭދަކުރުމަކީ ބޭއިންސާފެއް ކަމަށެވެ. އަދި މިހާ ބޮޑު ހޭދައެއް ހަމައެކަނި ކުއްޔަށް ދައްކާ، މަދު ބަޔަކު މުއްސަނދި ކުރުމަށް ހޭދަކުރާނަަމަ ފަގީރުކަމުން އަރައިނުގަނެވޭނެ ކަމަށް ވެސް އެ ޕެޓިޝަނުގައިވެއެެވެ.



ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ޕެޓިޝަން ދިރާސާކުރުމަށް ފަހު މި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވައި ފޮނުވި ޖަވާބުގައި ވިދާޅުވީ އެ ޕެޓިޝަނުގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަމާގުޅޭ ފަރާތްތަކާ ކޮމިޓީން ބައްދަލުކޮށް މައުލޫމާތު ސާފުކުރި ކަމަށެވެ. އަދި ބީއެމްއެލުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކަނޑައެޅުމުގައި އެ ބޭންކަށް ހުރި ރިސްކްތަކަށާއި ލޯން ޕްރޮޑަކްޓްސް ބައްޓަން ކުރެވިފައިވާ ގޮަތަށާއި، އަދި އޭގެ ކެޓަގަރީތަކަށް ވެސް ރިއާޔަތްކުރާ ކަމަށް ބޭންކުން ބުނެފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ. އަދި މާލޭގައި އިމާރާތްކުރާ ގެދޮރުތަކަކީ އެކި ފެންވަރަށް އިމާރާތްކުރާ ތަންތަނަށް ވާތީ، އެކި ލޯންތަކަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ އެ ނަގާ ލޯނުގެ ނިސްބަތުން ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވާ ކަމަށް މަޖިލީހުން ފޮނުވި ޖަވާބު ސިޓީގައި ބުނެފައިވެއެވެ.

"ގެދޮރު އިމާރާތް ކުރުމުގެ ދާއިރާއަކީ ބައެއްގެ އަމިއްލަ ވިޔަފާރިއަކަށް ވެފައި، ގެދޮރުގެ ކުލި ކަނޑައެޅުމަކީ އެ އިމާރާތްކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިހުތިޔާރުގައި ނިންމާ ނިންމުމަކަށް ވީހިނދު، އަމިއްލަ ފަރާތްތަކުން ކުރާ މިފަދަ ވިޔަފާރިތަކަށް ގޮތް ނިންމުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫންކަމުގައި އެ ކޮމިޓީން ދެކެވަޑައިގަންނަވާތީ އެ ވާހަކަ ދެންނެވީމެވެ." ޖަވާބު ސިޓީގައި ވަނީ ބުނެފައެވެ.

ކުލީގެ މައްސަލައަށް އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އަޅައި ހައްލު ކުރުމަށް މަޖިލީހުންނާއި ސަރުކާރުން މަސައްކަތް ނުކުރާކަމަށް އެމްޓީޔޫއިން ތުހުމަތު ކުރެއެވެ. އަދި ކުލީގެ މައްސަލައަކީ މަޖިލީހުންނާއި ސަރުކާރުން ވަގުތުން ވަގުތަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ސީރިއަސް މައްސަލައެއް ކަމަށާއި މިހާރުވެސް ގިނަ ބަޔަކަށް ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކުއްޔަށް ހޭދަކުރަމުންދާކަމަށް އެމްޓީޔޫއިން އިން ވަނީ ބުނެފައެވެ.

އެޖަމިއްޔާއިން މިހެން ބުނި ނަމަވެސް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައި ކުއްޔަށްދޭ ތަންތަން ވެސް ކުއްޔަށް ދެނީ އެތަނެއްގެ ވެރިފަރާތުން ބޭނުންވާ އަގަކަށް ކަމަށްވާއިރު އަދި ގެދޮރު އިމާރާތް ކުރުމަށް އަމިއްލަ ފަރާތްތަކުން ނަގާ ލޯނަކީ އެލޯނުގައި އެއްވެސް މިންވަރަކަށް ސަރުކާރުގެ ހިއްސާ އޮންނަ ނޫނީ ބައިވެރިވުން އޮވެގެން ލުއިތަކެއް ދޭ ލޯނު ތަކަކަށް ނުވާއިރު އެލޯނު ނުދެއްކިގެން ގެދޮރު ވިއްކާލަން ޖެހޭ ހާލަތްތަކުގައިވެސް އެކަމުގެ ޒިންމާ ނަގަނީ ގޭގެ ވެރިފަރާތުން ކަމަށްވާއިރު އެއްވެސް ރަށެއްގައި މީހަކު އަމިއްލައަށް ޒިންމާ ނަގައިގެން ޚަރަދު ކޮށްގެން ކުރާ އިމާރާތެއް ކުއްޔަށްދޭނެ އަގު ސަރުކާރުން ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އެމްޓީޔޫގެ އެވިސްނުމާ ދެކޮޅުހަދާފަރާތްތަކުން ބުނެއެވެ.



ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް ޓެނެންޓްސް ޔުނިއަން އުފައްދާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

މިއާއެކު މާލޭ މީހުންނާއި މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ބަހުގެ ހަމަލާތައް މީސް މީޑިއާގައި އިތުރުވެ ދެބައިމީހުންގެ ޒުވާބު ގަދަވެގެން ދިޔަ ދުވަސްވަރު މާލޭ މީހުންވެސް ވަނީ އެފަދަ ޔޫނިއަނެއް ނުވަތަ ޖަމިއްޔާއިން އުފައްދައިގެން މަސައްކަތް ކުރަންފަށާފައެވެ. މިދެބައިގެ ޒުވާބު މާބޮޑަށް ގަދަވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ދެކޮޅަށް އަރައި ބަސްވިދާޅުވާން ފެށްޓެވުމުންކަން ފާހަގަކުރެވެއެވެ.

އެމްޓީޔޫއިން ކުލި ކޮންޓުރޯލު ކުރުމަށް ގޮވާލާ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ފެށީ ސަރުކާރުން މަޖިލީހަށް ކުއްޔާ ބެހޭ ބިލެއް ހުށަހަޅާފައި ވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ބިލުގައި ކުލި ކޮންޓުރޯލު ކުރުމުގެ ވާހަކައެއް ބަޔާންކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

މަސްވެރިޔާ

27-May-2021

ބަންޑާރަ ބިމަށް ދިވެހިދައުލަތުގެ ބާރު ނުހިނގަނީ


-2

ޢަހްމަދު

27-May-2021

ކުލިބޮޑިއްޔާ ދޫކޮށްލާ. އާދައގެ ތަނަކަށް ބަދަލުވީމަ އޭރުން އަގުހެޔޮވާނެ. އެކަކުންޏެއް ހަރުކޮނަނާނީ އެކަކުންޏެއްގެ ވަރުންނެވެ. ކާކުތަބުނީ ކުލި ނުދެއްކޭ ވަރުގެ ތަނަކަށް ވަންނާށޭ.



ޓްރެންޑިން