މއ. މޯނިންގ ވިއު ގޭގައި އަލިފާން ރޯވެ އަނދަނީ (ޚަބަރުގެ ފޮޓޯތައް- އެމްއެންޑީއެފް މީޑިއާ)
މއ. މޯނިންގ ވިއު ގޭގައި އަލިފާން ރޯވެ އަނދަނީ (ޚަބަރުގެ ފޮޓޯތައް- އެމްއެންޑީއެފް މީޑިއާ)
މާލޭ މައްޗަށްގޮޅީ މޯނިންގވިއު ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ޓީމަށް ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާ ލެވުނީ ހެނދުނު ހައެއްޖަހާކަންހާއިރެވެ.

މޯނިންގ ވިއު އަކީ މަޝްހޫރު ޕީޓްރަލް ކައިރީގައި ހަތަރު ބުރިއަށް އިމާރާތްކޮށްފައި ހުންނަ ގެއެކެވެ. އެގޭގެ ތިންވަނަ ފަންގިފިލާގައި ރޯވި އަލިފާން މުޅިގެއަށް ފެތުރި ގޭގެ ވަރަށް ބޮޑު ބައަކަށް ވަނީ ގެއްލުން ލިބިފައެވެ.



އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 5:00 ހާއިރު ކަމަށެވެ.

އަލިފާން ނިއްވުމުގައާއި މީހުން ސަލާމަތް ކުރުމުގައި އެމްއެންޑީއެފާއި ފުލުހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަދި ކައިރީގައި ހުރި ގެތަކުން މީހުން ހުސްކުރި މަންޒަރުވެސް ފެނިފައި ވެއެވެ.

ސަލާމަތީ ބާރުތަކުގެ އެންގުމާ އެއްގޮތަށް ހުސްކުރަމުންދިޔަ ގޭގޭގެ މީހުން ނިދާފައި ތިބި ތުއްތުކުދިން ގޮވައިގެން މަގުމައްޗަށް ނުކުމެ ސަލާމަތްތެރިކަން ހޯދަން މަސައްކަތް ކުރަމުންދިޔަ މަންޒަރުވެސް ފެނުނެވެ.



ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން ފެން ޖަހަމުން ގެންދިޔަ ނަމަވެސް އަލިފާން ނިއްވާލުމަށް ގަޑިއެއްހާއިރު މަސައްކަތް ކުރަން ޖެހުނެވެ. ރޯވެފައި ހުރި އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް ނިއްވާލެވުނު ކަމަށް އެމްއެންޑީއެފުން ބުނީ 6:09 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ތިންވަނަ ފަންގިފިލާގައި ތިން މީހަކު ތިބިކަމަށް ފަހުން މައުލޫމާތު ލިބުނު ކަމަށެވެ. ގޭގައި އަލިފާން ރޯވުމުން އެމީހުން ގެއިން ނުކުންނަށް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



އަލިފާން ރޯވި ސަރަހައްދަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު 6:15 ހާއިރު ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލައްވައި އެހާދިސާގެ މައުލޫމާތު އޮޅުން ފިލުއްވާފައިވެއެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހުންނަވައިގެން މީޑިއާއާއި ވާހަކަ ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ ހާދިސާގައި ލިބިފައިވާ ގެއްލުންތައް ބަލައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސިޓީ ކައުންސިލުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދަށް ޑިފެންސް މިނިސްޓަރ މާރިޔާ ވެސް، 6:25 ހާއިރު ވަޑައިގެންނެވިއެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި މޯނިންގވިއުގޭގެ ރޯވި ބައިގައި އުޅޭ ގިނަ މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެގެން އެޗްޕީއޭގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މޭޔަރާ ޑިފެންސް މިނިސްޓަރުވެސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދެއްވައި ދިރިއުޅެވޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

އަލިފާން ނިއްވާ ލުމަށްފަހު މީހުން ނެރުނު ގެތައް ބަލާ ޗެކް ކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ހެނދުނު، 7:30 ހާއިރު ވަނީ މީހުން އަނބުރާ ގެތަކަށް ވައްދަން ފަށާފައެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ހާދިސާގައި ލިބިފައިވާ ގެއްލުންތަކެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް މިހާދިސާގައި ގޭގެ ބޮޑުބައެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައި އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން