ސަރުކާރުން ކަނޑައެޅި އިންޓަނެޓްގެ އައު އަގުތަކާއި ސްޕީޑާ އެއްގޮތަށް ޚިދުމަތް ނުދޭނަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތައް ޖޫރިމަނާކުރާނެކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން ބުނެފިއެވެ.

ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އައު އަގުތަކާއި ސްޕީޑާއި ޚިދުމަތް ދޭނެ އައު އުސޫލުތައް އިއުލާންކޮށްފައެވެ. އެގޮތުން ގޭގެއަށް ދޫކުރާ ޕެކޭޖްތަކުން 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގެއް ވަނީ ކުޑަކޮށްފައެވެ.

އިންޓަނެޓްގެ އައު އަގުތައް ހާމަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ސަރުކާރުން ގެނައި ހެޔޮ ބަދަލާއި އެއްގޮތަށް އޮޕަރޭޓަރުން އަމަލުކުރޭތޯ ބަލާނެކަމަށެވެ. އަދި އެއާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"ކޮމިއުނިކޭޝަން އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހުރޭތޯ، ކޮމިއުނިކޭޝަން އޮތޯރިޓީން ބަލަމުން ގެންދާނެ. އަދި އެހެން އެކަން ނުވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން." އިލްޔާސް ވިދާޅުވިއެވެ.

ސަރުކާރުން ގޭބީސީތަކުގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ގެނަސްފައިވާ ބަދަލުތަކުގެ ތެރޭގައި އަގުހެޔޮ ތިން ޕެކޭޖެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފަސް އެމްބީޕީއެސް ސްޕީޑުގައި 30 ޖީބީގެ އެލަވެންސް 250 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ދެ އެމްބީޕީއެސްގައި ދިނުމަށް ނިންމާފައިވާއިރު، 15 އެމްބީޕީއެސް ސްޕީޑުގައި 100 ޖީބީގެ އެލަވެންސް 500 ރުފިޔާއަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސްއަށް ލިބޭނެއެވެ. އަދި 25 އެމްބީޕީއެސް ސްޕީޑުގައި 200 ޖީބީ އެލަވެންސް 700 ރުފިޔާ އަށް، ތްރޮޓްލް ސްޕީޑު ފަސް އެމްބީޕީއެސް އާ ހަމައަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިންޓަނެޓްގެ އަގުތަކަށް ގެނައި ބަދަލު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ ގޭގެއަށް ދޭ އިންޓަނެޓް ޚިދުމަތުގެ އަގަށް ފާހަގަކޮށްލެވޭ ބަދަލުތަކެއް އަންނާނެކަމަށެވެ.

އިންޓަރނެޓްގެ އަގު ހެއުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެވަޢުދު ފުއްދުން ލައްވާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު