އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމާއި ދެކޮޅަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ތެދުވެއްޖެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރުމާއި ގުޅޭގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނީ، އެކަމަކީ އައްޑޫ އަޅުވެތިކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމްކުރުމާއި އެކޮމިޓީ ދެކޮޅުކަމަށްވެސް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުންޏެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނީ އައްޑޫ ސިޓީގެ ޒުވާނުން ކުރިއަށް ގެންދާ "ސޭވް އައްޑޫ" ކެމްޕޭނަށް ތާއީދު ކުރަން އެކޮމިޓީން ނިންމާފައިވާކަމަަށެވެ.





އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް އިންޑިއާގެ ސަރުކާރުން ނިންމާފައިވާއިރު، ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމި ކަމަކަށް އަދި ނުބުނެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް ޞާލިހު ވަނީ އެކަމަށް ރުހުން ދެއްވާނެފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ. މައުލޫމާތު ލިބެމުންދާ ގޮތުގައި ޚާރިޖީ ވަޒީރު ޝާހިދު އިންޑިއާއަށް ވަޑައިގެން ކުރަށްވާފައިވާ މަޝްވަރާ ތަކުގައި މިކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް އައްޑޫ ސިޓީގައި ޤާއިމް ކުރުމަށް ފާސްކުރީ ހޯމަދުވަހު ބޭއްވި އިންޑިއާގެ ޔޫނިއަން ކެބިނެޓް ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުން ޗެއާ ކުރައްވާފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިޔާގެ ކެބިނެޓްގެ ނިއްމުމުގައި ބުނެފައިވަނީ ރާއްޖެއަކީ، އިންޑިއާ އިން ގެންގުޅޭ "ނައިބަހުޑް ފަސްޓް ޕޮލިސީ" އާއި ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (ސާގަރް)ގެ ދަށުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ އަކީ ސަގާފީ ގޮތުންނާއި ދީނީ ގޮތުންނާއި ބަހަވީ ގޮތުން އެއްގޮތްކަމެއް ހުރި ދެ ގައުމު ކަަމަށާއި އަދި ވިޔަފާރީގެ ގުޅުން ވެސް ބަދަހި ދެ ގައުމުކަމަށް އިންޑިޔާގެ ކެބިނެޓުގެ ނިންމުގައިވެއެވެ. އެ ނިންމުމުގައި ބުނާގޮތުން އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުވެގެން ދިއުމުން، ރާއްޖޭގައި އިންޑިއާގެ ޑިޕްލޮމެޓިކް ބާރުތައް އިތުރަށް ގާއިމުވެ ވަރުގަދަ ވެގެންދާނެއެވެ.

އިންޑިއާގެ މިޝަނެއް އައްޑޫ ސިޓީގައި ގާއިމް ކުރަން ނިންމާފައިވަނީ އެ ގައުމުގެ "ސަބްކާ ސާތް ސަބްކާ ވިކާސް" ނުވަތަ އިންޑިއާއިން ފުދުންތެރި ގައުމަކަށް ވުމަށާއި، ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ. އިންޑިއާގެ ޑިޕްލޮމެޓިކް ޕްެރެސެންސް އިތުރުކުރުމަކީ އިންޑިއާގެ ކުންފުނިތައް ކުރިއެރުމަށް ލިބޭނެ ފުރުސަތެއްކަން އިންޑިއާގެ ކެބިނެޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ ގައުމުގެ ކުންފުނިތަކުގެ އުފެއްދުންތައް އެކްސްޕޯޓުކޮށް، މާކެޓު ކުރުމަށް މިއާއެކު އިތުރު ފަސޭހައެއް ލިބޭނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

މިއީ "އާތްމާ ނިބަރް ބާރަތް" ނުވަތަ ސެލްފް ސަފިޝަންޓް އިންޑިއާ އަކަށް ވުމަށް ކުރާ މަސައްކަތާ ވެސް ސީދާ ގުޅުން ހުރި ކަމެއް ކަމަށާއި އެ ގައުމުގެ އުފެއްދުންތެރިކަން އިތުރު ކުރުމާވެސް ގުޅުން ހުރި ކަމެއް ކަމަށް އިންޑިޔާގެ ކެބިނެޓުގެ ނިންމުމުގައި ބުނެފައިވެއެވެ.

އިންޑިއާގެ މިނިންމުމަށް ތައީދު ކުރަށްވައި އައްޑޫ ސިޓީގެ މޭޔަރުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް ގެންދަވަނީ މިނިންމުމަށް ތާއީދު ކުރަށްވައި ވާހަކަ ދައްކަވަމުންނެވެ. އެބޭފުޅުން ވިދާޅުވަނީ މިއީ އައްޑޫ ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް ކުރެވޭ މުހިންމު ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން