ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމުގެ ދުވެލި މިއަހަރު 22.7 އިންސައްތައަށް ކުރިއަރާނެ ކަމަށް މިހާރު ލަފާކުރެވޭކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން މި އަހަރު 13.5 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އިގްތިސާދީ ކުރިއެރުމުގެ ދުވެލި މިހާރު 22.7 އިންސައްތައަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އެ މަސްތަކުގައި ފަތުރުވެރިން އަންނާނެ ކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ކަމަށެވެ. އެހެންކަމުން މި އަހަރު 1 މިލިއަނާއި 1.5 މިލިއަނާ ދެމެދުގެ މިންވަރަކަށް ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރުވަމުންދާ ކަމަށާއި، އެހެންކަމުން ބެޑްނައިޓްސް އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެެވެ. ފަތުރުވެރިކަން ރަނގަޅުވެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވުމުގެ އިތުރަށް، ސަރުކާރުން ކޮވިޑް-19އާ ގުޅިގެން ތައާރަފުކުރި އިކޮނޮމިކް ރިލީފު ޕެކޭޖުތަކާއި ދިން ލުއިތަކުގެ ސަބަބުން އިގްތިސާދީ ދުވެލި ހަލުވިވެ، ކުރިއަރާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވި އަހަރު އިންފްލޭޝަން ރޭޓު ހުރީ ވަރަށް ބޮޑަށް ދަށުގައި ކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ އިންފްލޭޝަން ރޭޓު ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި ކަރަންޓާއި ފެން ބިލުން ސަރުކާރުން ދިން ލުއިތަކާއި، ސަރުކާރުން ތައާރަފުކުރި އިތުރު ލުއިތަކާއި ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލުގެ އަގު ވެއްޓުންފަދަ ސަބަބުތައް ހިމެނޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރު އިންފްލޭޝަން ރޭޓު 2.1 އިންސައްތައަށް އުފުލޭނެ ކަމަށާއި، އެއީ ފާއިތުވި އަހަރު އިންފްލޭޝަން ރޭޓު ދަށްވުމުގެ ސަބަބުން އަންނަ އަސަރެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވައިލާ ފަތުރުވެރިކަން ރަނގަޅުވެ، ސަރުކާރުން ތައާރަފުކުރި އިޤުތިޞާދީ ރިލީފު ޕެކޭޖުތަކުގެ ނަފާ ލިބެން ފަށާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ވަޒީފާ ނެތް މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވަމުންދާ ކަމަށެވެ. މީގެ ސަބަބުން އިންކަމް ސަޕޯޓަށް އެދުނު ފަރާތްތަކުގެ އަދަދު ނޮވެންބަރުން ފެށިގެން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު 2020 ވަނަ އަހަރު ވަޒީފާ ނެތް މީހުންގެ އަދަދު ދަށްވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިޔަފާރިތަކަށާއި އާއްމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ތައާރަފްކުރާ އާ ރިލީފް ޕެކޭޖްގެ މައުލޫމާތު ވަނީ އާންމުކޮށްފައެވެ. އެގޮތުން އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 370 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ހުޅުވާލަން ވަނީ ނިއްމާފައެވެ. މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޭންކު މެދުވެރިކޮށް ކޮވިޑު ރިލީފް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ ލޯނުތައް ދޫކުރާނީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި ފަސް އަހަރުން ދައްކާ ޚަލާސްކުރާގޮތަށް ކަމަށެވެ. އެ ލޯނަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެެވެ.



ސަރުކާރުން މިއަދު އިއުލާންކުރި ރިލީފް ޕެކޭޖް ތަކުގެ ތެރޭގައި ކަރަންޓާއި ފެން ބިލުން ދޭ ޑިސްކައުންޓް ވެސް ހިމެނެއެވެ. އެގޮތުން އަންނަ މަހު ގޭބީސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭއިރު މިދިޔަ މަހާއި މި މަހުގެ ކަރަންޓާއި ފެން ބިލުން 20 ޕަސެންޓު ޑިސްކައުންޓެއް ދޭން ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން