ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން، އިންޓަނޭޝަނަލް މާކެޓުގައި ސަރުކާރުން ވިއްކި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ ސުކޫކް ހުރީ ޕްރިއަމްގައި ކަމަށާއި އެއީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަން ހާމަވާ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ވިއްކި ސުކޫކް ބައިނަލް އަގުއާމީ މާކެޓްގައި ހުރީ ޕްރިއަމްގައި ކަމަށާއި، އެއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ސުކޫކް ވިއްކައިގެން ލިބުނު ފައިސާގެ ބޮޑުބައެއް ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ބޮޑު އިންްޓްރެސްޓް ރޭޓެއްގައި ނެގި 200 މިލިއަން ރުފިޔާގެ ލޯނުން 76 ޕަސެންޓް ދައްކަން ޚަރަދުކޮށްފައިވާ ކަމަށާއިި، އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނި ކުޑަވެފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުން ދައްކަންޖެހޭ ދަރަނި ކުޑަވަމުންދާތީ ބޭރުގެ އެހީ ހޯދުމަށާއި ސުކޫކް ހޯދުމަށް އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ. ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ސުކޫކެއް ވިއްކި ތިން ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

"ސުކޫކް ސަބަބުން 2021 ވަނަ އަހަރު ދައްކަންޖެހޭ ޔޫރޯ ބޮންޑްގެ ބައެއް ރީ ފައިނޭންސް ކުރެވިގެން މިދިޔައީ އެއީ މަޖިލީހުގެ ލަފާގެ މަތިން ދައުލަތުގެ ދަރަނި ރީސްޓަކްޗަރ ކުރުމަށް ކުރެވުނު މަސައްކަތެއްކަން އަޅުގަނޑު ފާހަގަކޮށްލަން، 2022 ވަނަ އަހަރު 220 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް މި ސަލާމަތްކުރެވިގެންދިޔައީ މިއަދަދު މިއަހަރުގެ ބަޖެޓަށް ސަޕްލިމެންޓް ކުރާނަން." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ 2020 ވަނަ އަހަރު 1.3 ބިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑް-19 ސަޕޯޓްގެ ގޮތުގައި 464.3 މިލިއަން ޑޮލަރާއި، އެހެނިހެން ލޯން އަދި ގްރާންޓްގެ ގޮތުގައި 872.5 މިލިއަން ޑޮލަރު ހިމެނޭކަން މިނިސްޓަރު އަމީރު ވިދާޅުވިއެެވެ. ކޮވިޑް-19 ގެ ކުރީގެ އިގުތިސާދަށް އަނބުރާ ރުޖޫއަވެވޭނީ 2022-2023 ހިސާބުގައި ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން