އައްޑޫގައި އެހެންގައުމެއްގެ ކޮންސިއުލޭޓެއް ގާއިމްކުރުން އެއީ އަތޮޅު ތަރައްގީއާއި ކިހާ ގުޅުމެއްހުރި ކަމެއްތޯ އެގެންޖެހޭ ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެެވެ.

ޕްރޮފެސަރު ހަސަން އުގައިލް މިހެން ވިދާޅުވީ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން އެގައުމުގެ ނިންމުމާއި ގުޅިގެންނެވެ. އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްވެގެންދިއުމަކީ އައްޑޫގެ ތަރައްގީއަށް މުހިންމު އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެން ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ އައްޑޫގައި އެެހެން ގައުމެެއްގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމުގެ ކުރިން އެއީ އަތޮޅުގެ ތަރައްގީއާއި ކިހާ ގުޅުންހުރި ކަމެއްކަން އެގެންޖެހޭ ކަމަށެވެ.

އަދި ވިޔަފާރިތަކަށް ކުރިއެރުން ގެނައުމަށް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރެވޭ މިންވަރަށް އަމަލީގޮތުން އެކަން ފެންނަންޖެހޭ ކަމަށް ވެސް އުގައިލް ވިދާޅުވިއެވެެ. އޭނާ ވިދާޅުވީ، އެހެންނޫންނަމަ ކަންތައްތަށް އިސްފަސްވުމުގެ ޖާގަ އެބައޮތް ކަމަށެވެ.

"އަދި މިވަގުތު، ކޮންސިއުލޭޓެއް ގާއިމްކުރުމުގައި އަތޮޅުގެ ވެރިންނާއި ސަރުކާރާއި މަސްއޫލުވުމުގެ ސަބަބުން އަތޮޅުގެ ހަގީގީ ތަރައްގީއަށް ބުރޫއެރުން އެކަށީގެންވޭ." އައްޑޫސިޓީ ހިތަދޫއަށް އުފަން އުގައިލް ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރުމަކީ އައްޑޫ އަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވެ އައްޑޫގެ މޭޔަރު ވެސް ވަނީ އެކަަމަށް ތާއިދުކުރަައްވާފައެވެ. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއިބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ، އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމުން އިންޑިއާއާއި އައްޑޫ ސިޓީއާއި ދެމެދު ވިޔަފާރީގެ ގާތް ގުޅުމެއް އުފެދި ވިޔަފާރީގެ ދާއިރާއިން ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމާއި ދެކޮޅަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ވަނީ ތެދުވެފައެވެ. އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނީ، އެކަމަކީ އައްޑޫ އަޅުވެތިކޮށްލުމަށް ލިބިގެންދާނެ ފުރުސަތެއްކަމަށެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމްކުރުމާއި އެކޮމިޓީ ވަނީ ދެކޮޅު ހަދާފައެވެ.

އެކަމާ ދެކޮޅު ހެދުމަށް "ސޭވް އައްޑޫ" މި ނަމުގައި ޒުވާނުން ވަނީ ޚާއްސަ ހަރަކާތެެއް ބޭއްވުމަށް ނިއްމާފައެވެ. އިންޑިޔާގެ ސަރުކާރުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ގާއިމްކުރަން ނިއްމި ނަމަވެސް ދިވެހި ސަރުކާރުން އެކަމާ ގުޅޭގޮތުން އަދި ވަކިގޮތެެއް ނުނިއްމައެެވެ. ނަމަވެސް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެކަމުގައި މަޝްވަރާކޮށް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމަށް އިންޑިއާއިން ނިންމާފައިވަނީ އެގައުމުގެ ޑިޕްލޮމެސީ ބާރުގަދަކޮށް ރާއްޖޭގައި އިތުރަށް ފަތުރާލުމުގެ ސިޔާސަތުގެ ދަށުން ކަމަށް އިންޑިއާއިން ބުނަމުންދާއިރު އިންޑިއާ ކަނޑުގައި އިނގިރޭސި ވިލާތާއި އެމެރިކާގެ ބަސް ބުނުމަށް އެގައުމުތަކުން ތާއީދުކޮށް އިސްކޮށްފައިވާ ބާރަކީ އިންޑިއާކަމަށް މަޝްރަހު ދިރާސާކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ. މިހާރުވެސް އައްޑޫއަކީ އިންޑިއާ ސިފައިންގެ ފައުޖެއް ގާއިމުވެ އޮންނަ ތަނެކެވެ. އިންޑިއާއިން ދިން ދެހެލިކޮޕްޓަރާއި ކުޑަ ޑޯނިއާ އޮޕަރޭޓްކޮށް ބެލެހެއްޓުމުގެ ނަމުބައި ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބެނީ އައްޑޫ ސިޓީގައި ކަމަށް އެނގިފައި ވެއެވެ. ނަމަވެސް ސަރުކާރުން މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގެ ގައުމީ ސަލާމަތީ ބާރުން ސިފަކުރަނީ އެއީ ރާއްޖޭގެ ސަލާމަތާ ރައްކާތެރި ކަމަށާއި އިޖުތިމާޢީ އެހީތެރިކަން ފޯރުވައިދޭން ތިބޭ ބައެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން