ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމްޑަބްލިޔުއެސްސީން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެނާއި ކަރަންޓު ބިލުން ލުއި ދިނުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.  

މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ. މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީއަކުން، މިހިނގާ މެއި މަހުގެ ފެން ބިލުން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވެއެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތް ހޯދާ ކޮންމެ ވިޔަފާރިއަކުން، މިހިނގާ މެއި މަހުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، އެމް.ޑަބްލިޔޫ.އެސް.ސީން ރ. ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. މިގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މިހިނގާ މެއިމަހުގެ ކަރަންޓު ބިލުން 40 އިންސަތަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާއިރު، ދުވާފަރުގެ ކޮންމެ ވިޔަފާރިއެއްގެ، މިހިނގާ މެއި މަހުގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް އެމް.ޑަބްލިޔޫ.އެސް.ސީން ބުނެފައިވެއެވެ.

އެމް.ޑަބްލިޔު.އެސް.ސީން މިފަދަ ނިންމުމެއް ނިންމަވާފައި މިވަނީ ކޮވިޑް-19 ގެ ރޯގާބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ ގޮތުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އަންނަ މެއި މަހުގެ ފެންބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ނިންމިކަން އިޢުލާން ކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން