ސަރުކާރުން މިއަދު ހާމަކުރި އިންޓަނެޓްގެ ހެއު އަގުތަކާއެކު މިހާރު އިންޓަރނެޓް ހުންނާނީ ރައްޔިތުންގެ އަތްފޯރާ ފަށުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮ ކުރުމުން ކޮމިއުނިކޭޝަން މިނިސްޓަރު އާމިނަތު ޝައުނާއަށާއި އެ މިނިސްޓްރީއަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ. ރައީސް ސޯލިހް ވިދާޅުވީ އިންޓަނެޓްގެ ހެއުކުރި އަގުތަކާއެކު ރައްޔިތުންގެ އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލަށް އަމަލު ކުރަން ފަށާނެކަން ސަރުކާރުން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ. އެގޮތުން މޯބައިލް ބްރޯޑްބޭންޑް ބޫސްޓާ ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް 20 އާއި 30 ޕަސެންޓަށް އަގު ހެޔޮ ކުރާގޮތަށް ވަނީ ހަމަޖެހިފައެެވެ.

ރާއްޖޭގައި ދޭ އިންޓަނެޓުގެ އެންމެ ދަށް ސްޕީޑަކީ ދެ އެމްބީޕީއެސް ކަމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކުގެ ތެރޭގައި ހިމެނޭ ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ވަނީ ހެޔޮކޮށްފައެވެ. އެގޮތުން 5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ ލިބޭއިރު 15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ ލިބެއެެވެ. އަދި25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ ލިބޭނެއެެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހި މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން