ގުޅީފަޅުގައި މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭން ބަދަލުކުރައްވާނެ ކަމުގެ އިޝާރަތެއް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ކުރައްވައިފިއެެވެ.

ރައީސް ސޯލިހް އެފަދަ އިޝާރާތެއް ކުރެއްވިކަން ހާމަކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒެވެ. މޭޔަރު ޑރ. މުއިއްޒު މިއަދު ވަނީ ރައީސް ސޯލިހާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، މާލެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށް ވާތީ އެކަން ހައްލުކުރުމަށް ގުޅިފަޅު ބޯހިޔާވަހިކަމަށް ޚާއްޞަކޮށްދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ.

އެގޮތަށް ރައީސް އަށް ދެންނެވުމުން މާލެ ސިޓީ ކައުންސިލުން ގުޅިފަޅު ތަރައްޤީކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރަންޖެހޭ ކަމަށާއި، އަދި ގުޅީފަޅުގެ ފައިނަލް ޕްލޭން ނިމޭނީ މޭޔަރުގެ ބައިވެރިވުން އޮވެގެން ކަމަށް ރައީސް ވިދާޅުވި ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި މޭޔަރުގެ ބައިވެރިވުމާއެކު ގުޅިފަޅުގައި ބަނދަރު އެޅުމަށް މިހާރު އޮތް ޕްލޭނަށް ބަދަލު ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްޞަކުރެވޭ ސަރަހައްދެއް ކަމަށް ހެދުމަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ޑރ. މުޢިއްޒުގެ އެންމެ މުހިއްމު އެއް ވަޢުދުކަން ފާހަަގަކޮށްލެވެއެެވެ. އަދި އައު ކައުންސިލުން ކުރިއަށް އޮތް ފަސް އަހަރަށް ފާސްކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައިވެސް އެ ތަނަކީ ބޯހިޔާވަހިކަމަށް ޚާއްޞަކުރާ ތަނެއް ކަމަށް ކަނޑައަޅައި އެ ޕްލޭން މިހާރު ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް މިސަރުކާރުން ނިއްމާފައިވަނީ ގުޅީފަޅުގައި މާލޭ ވިޔަފާރި ބަނދަރު އެޅުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން