ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ" ފްލެޓް ތަކުގެ ކުލި 6000 ރުފިޔާއަށް ކުޑަކޮށްދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

"ހިޔާ" ފްލެޓް ތަކުގެ ކުލި 6000 ރުފިޔާއަށް ކުޑަކޮށްދޭން މާލެ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާއިރު ރައީސް ސޯލިހާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ބައްދަލުކުރައްވާފައެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައިސާއެކު ބޭއްވި ބައްދަލުވުމުގައި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވުމަށް ރައީސް ސާލިހަށް ދެންނެވިކަމަށެވެ.

މުއިއްޒު ވިދާޅުވީ ފްލެޓްތަކަށް މީހުންނަށް ވަދެވެނީ އެތަނުގެ ފިނިޝިންގ މަސައްކަތަށް ދެ ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ކަމަށްވާއިރު އެ ފައިސާވެސް އާންމު ރައްޔިތަކަށް ހޯދޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމުން ފެލްޓް ނިންމަން ކުރަންޖެހޭ ހަަރަދު ކުލިން އުނިކުރުން ފަދަ ލުޔެއް ދޭންޖެހޭކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 8500 ރުފިޔާ ކަނޑައަޅާފައިވާއިރު މުއިއްޒު ވިދާޅުވީ 5500 ރުފިޔާއަށް ކުލި ކުޑަކުރި ނަމަވެސް އެޗްޑީސީއަށް ގެއްލުން ނުވާނެކަމަށެވެ. އެހެންކަމުން ފްލެޓްތަކުގެ މަހުކުލި 6000 ރުފިޔާއަށް ވުރެ ކުޑަކޮށް ދެއްވުމަށް މުއިއްޒު ގޮވާލެއްވިއެވެ.

އެޗްޑީސީން ބުނެފައިވަނީ ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7500ރ ދައްކާގޮތަށް ކަމަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެހެން ނަމަވެސް ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަންނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެެެވެ. އެޗްޑީސީން ބުނީ މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައިނުވާކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށާއި އަދި، ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭނެކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން