ރަޝިޔާގެ ސުޕަޓްނިކް ވެކްސިން ރާއްޖެއަށް ވީއެންމެ އަވަހަަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއެކު ފޯނުން ބޭއްވި މަޝްވަރާތަކަކަށްފަހުއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ރޭ ފޯނުން ކުރެއްވި މަޝްވަރާތަކުގައި ކޯވިޑްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ އަދި މިހާލަތުން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާބެހޭ ތަފްސީލުތައް މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ރަޝިޔާގެ ޚާރިޖީ ވަޒީރު ވަނީ ވެކްސިން ހޯދުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ، ވީހާވެސް އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.





ރަޝިޔާގެ ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، ރަޝިޔާއިން 2 ލައްކަ ޑޯޒް ވެކްސިން ގަންނަން ވަރަށް އަވަހަށް އޯޑަރު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އަދި ވެކްސިން ގެނައުމާއި ގުޅޭ އެގްރިމްނެޓް ލިބިފައިވާކަމަށާއި އެ އެގްރިމެންޓް ބަންޑާރަ ނާއިބުގެ އޮފީހުން ދިރާސާކޮށް ދިން ރިކޮމެންޑޭޝަންތައް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރަޝިޔާ ކުންފުންޏަށް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ރައްޔިތުންނަށް ދެމުން އައީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، އެމެރިކާގެ ފައިޒާ ވެކްސިނެވެ. ނަމަވެސް ރަޝިޔާގެ ސުޕަޓްނިކް ވެކްސިން ޖެހުމަށްވެސް އެޗްޕީއޭއިން ވަނީ ހުއްދަ ދީފައެވެ. މީގެއިތުރުން ސިންގަޕޫރުގެ ކުންފުންޏެއް މެދުވެރިކޮށް އެކްސްޓްރާޒެނެކާގެ ވެކްސިންގެ 7 ލައްކަ ޑޯޒް ގަންނަންވެސް ސަރުކާރުން ވަނީ އޯޑަރު ދީފައެވެ. ނަމަވެސް އެވެކްސިން މާ އަވަހަށް ލިބޭނެ ކަމަކަށް ސަރުކާރުން މިހާރު ލަފައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން