ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު "ކަރޯކޭ ޖައްސަން" ހުންނަވާ ވީޑިއޯ މީސްމީޑިއާއަށް ބަޔަކު ދޫކޮށްލުމުން ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ލަވަ ވިދާޅުވާ އެ ވީޑިއޯއިން ފެންނަނީ ސިފައިންގެ މަރުކަޒެއްގެ ތެރޭގައި ހުންނަވައިގެން ޗީފް ޝަމާލް ލަވަ ވިދާޅުވަނީ ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދާއެކުގައެެވެ.

މި ވީޑިއޯ އާއި ގުޅިގެން ސޯސަލް މީޑިޔާގައި ފާޅުކޮށްފައިވާ ޚިޔާލުތައް ވަރަށް ބޮޑަށް ދެކަފިވެފައިވާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަރާތްތަކުން ބުނަނީ ޗީފް ލަވަ ވިދާޅުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ޗީފަކީ ސިފައިންގެ ކޮޕްސް ބޭންޑްގައި ލަވަ ވިދާޅުވެފައިވާ ބޭފުޅެއް ކަމަށްވާތީ ވެސް އެ ހުނަރު ޗީފްގެ ހުންނާނެ ކަމާއި އަދި ހުސްވަގުތުގައި ނޫނީ ސްޓްރެސް ފިލުވާލުމަށް އެފަދަ ކަމެއް ކޮށްލުމަކީ މައްސަލައެއް ނޫންކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ. މިއުޒިކް ބޭންޑާއި ބޮޑުބެރު ގްރޫޕާއި ބްރާސްބޭންޑެއްވެސް ރަސްމީކޮށް އޮންނަ ތަނެއްގައި އެތަނުގެ އޮފިސަރުންނާ އެކި ފެންވަރުގެ އެހެންވެސް ބޭކަލުން މިއުޒިކް ކުޅުމާއި ލަވަކިއުމާއި ނެށުމާއި ޑްރާމާގެ ތެރޭގައި ހަރަކާތްތެރިވެ އުޅުމަކީ މައްސަލައެއް ކަމަށް ނުފެންނަ ކަމުގައި ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ.

އެހެން ނަމަވެސް މި ވިޑިއޯއަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ސިފައިންގެ އިސްވެރިން ލަވަ ވިދާޅުވެ "ކަރޯކޭ ޖެއްސުމަކީ" ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ ދައުލަތުގެ ބާރު ތަކުގެ ވެރީން ލަވަ ވިދާޅުވެ ކަރޯކޭ ޖައްސާން އެންމެ ރަނގަޅު ވަގުތު ނޫންކަމަށާއި ރައްޔިތުން ގޭ ބަންދުގައި ހާސްކަމާ ނިކަމެތި ކަމުގައި ތިއްބާ ވެރިން އުފާފާޅުކުރައްވާ ކުޅިވަރު ކުޅުއްވައި ނަށްޓަވައި ލަވަ ވިދާޅުވާން އުޅުއްވާތަން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ޗީފް ޝަމާލް އާއި ވައިސް ވަހީދު ލަވަވިދާޅުވާން ތިއްބެވި ވީޑިއޯ އާއްމުވުމުން އެކަމަށް ތާއިދުކޮށް ޚިޔާލުފާޅު ކުރި ފަރާތްތަކުގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެލެކްސް އަހްމަދުގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިފައިން ލަވަ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.

އިދިކޮޅު މީޑިއާއިން ރޭ ވަނީ މި ވިޑިއޯ ބްރޯޑްކާސްޓްކޮށް އެ ވިޑިއޯއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ނަމަވެސް މި ވިޑިއޯއަކީ ކޮންއިރަކު ނަގާފައިވާ ވިޑިއޯއެއް ކަމެއް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން