ހުރިހާ ރައްޔިތުން ނިސްބަތްވާ ކަމެއްގައި މަދުބަޔަކަށް ގޮތެއް ނުނިންމޭނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށް އިންޑިއާއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ވާހަކަފުޅުދައްކަވަމުންނެވެ.

ރީކޯ މޫސާ ވިދާޅުވީ ރާއްޖޭގައި އެެހެން ޤައުމުތަކުންވެސް އޮފީސްތަކާއި އެހެން ތަންތަން ޤާއިމްކޮށްދޭކަމަށެވެ. ނަމަވެސް އެތަންތަނުގައި އެމްބަސީ ހަދާފައިނުވާކަން މޫސަ ފާހަގަކުރެއްވިއެވެ.



"އިންޑިއާ ޕާލަމެންޓުން ފާސްކުރިތޯ؟ ދިވެހިރާއްޖޭގެ ޕޮލިސް އެކަޑަމީއެއްގެ ތެރޭގަ ކޮންސިއުލޭޓް އޮފީހެއް ހަދަން؟ ޖަޕާނު ސަރުކާރުން ހަދިޔާކުރި ސްކޫލުތަކާ ޕާކިސްތާނު ސަރުކާރުން އަޅާދިން މަޖްލިސްކުރާގެއާއި އައިޖީއެމްއެޗްވެސް އެއީ މިދައުލަތުގެ ބިން؟ އެތަންތާކު އެމްބަސީއެއް ނުހުރޭ؟" ރީކޯ މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެއް ބަޔަކު ޗައިނާއަށް ފާޑުކިޔަމުންދާއިރު އަނެއް ބަޔަކު އިންޑިއާއަށް ފާޑުކިޔަމުންދާކަމަށެވެ. ނަމަވެސް ސަރުކާރަށް ބޮޑެތި ކަންތައްތައް ޖެހޭއިރު ސިޔާސީ ޕާޓީތަކަށް އެކަންކަން ކޮށްނުދެވޭނެކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ މިޤައުމަކީ އަބުރާ އިއްޒަތެއް އޮންނަ ޤައުމެއްކަމަށާއި، ރައްޔިތުންގެ އެންމެން ޝާމިލުވާ ކަންކަމުގައި މަދު ބަޔަކަށް ގޮތެއް ނުނިންމޭނެކަމަށެވެ.

"އެއްބަޔަކު ޗައިނާއަށް ބަވަނީ އަނެއްބަޔަކު އިންޑިއާއަށް ބަވަނީ ކަމެއްދަމެއް ބޮޑުވެ ބުރިޖު އަޅާ ވެކްސިން ހޯދަން ޖެހޭއިރު ޕާޓީތަކުގެ ފެކްޓްރީތަކަކުން މިކަމެއްނުވޭ. މުޅި ރައްޔަތު އެންމެން ނިސްބަތްވާ ކަމެއްގަ މަދުބަޔަކަށް ގޮތެއް ނުނިންމޭނެ؟ މިޤައުމުގެ އަބުރަކީވެސް އޮންނަ އެއްޗެއް." މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ މިޤައުމުގައި އުޅޭ މަދު ބަޔަކާއި ހެދި ޤައުމުގެ އިއްޒަތާއި އަބުރު ގެއްލެމުންދާކަމަށެވެ.

"ހައެއްކަ ސިޔާސީ މީހުންނާ ހައެއްކަ ނޫސްވެރިންނާ ހައެއްކަ އެދުރުބޭންގެ ބލވރކަމާހެދި މިޤައުމުގެ އަބުރާއި އިއްޒަތް ގެއްލި މިދަނީ، ތިމާމެން އަމިއްލަ ބަހުންވެސް ލިޔާއެއްޗެއް ލިޔެފައި ހުއްޓަނީކީ ނޫން؟ ފަރަންޖީބަހުން ބަވާފާނެ ސައޫދީ ރަސްގެފާނު ޓެގްކޮށްފަވެސް، ބޮޑުވަރެއްނު މީ ދެން." މޫސަ ވިދާޅުވިއެވެ.



އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ޤާއިމްކުރުމަށް ކުރާ މަސައްކަތަށް ތާއީދުކޮށް މޫސަ ވާހަކަދައްކަވާފައިވާއިރު، އެމްޑީޕީގެ އިސް ބޭފުޅުންވެސް ދަނީ އެކަމަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން