ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ އެމީހުންގެ ބަލި ހާލަތަށް ބަލާއިރު އެންމެ އެކަށީގެންވާ ކެއުން ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފިއެވެ.

އެޗްއާރުސީއެމުން އެ ފެސިލިޓީއަށް ޒިޔާރަތްކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ފެސިލިޓީގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް ބުނެފައިވަނީ

ޑައެޓީޝަނެއްގެ ލަފައާ އެއްގޮތަށް ކޮންމެ ބަލިމީހަކަށް ކެއުން ހަމަޖައްސާ ކަމަށާއި، އަދި ވަގުތަށް ކެއުން ގެނައުމަށް އޯޑަރުކުރާ ކަމަށެވެ. އެހެންނަމަވެސް މިފަދަ ތަނަކުން ފަރުވާ ހޯދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލީމީހުންގެ ހާލަތަށް ރިއާޔަތްކުރާއިރު އެންމެ އެކަށީގެންވާ ކެއުން ނޫން ކަމަށްވެސް އެ ކޮމިޝަންގެ ބަޔާނުގައިވެއެވެ.

އެޗްއާރުސީއެމުން ބުނީ އެ ފެސިލިޓީގައި ތިބި ބަލިމީހުންގެ އަދަދަށާއި ބަލިމީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާދޭން ތިބި ނަރުހުންގެ އަދަދު މަދުކަމަށެވެ. އަދި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން އެނދުމަތިކޮށްގެން އެންމެ ރަނގަޅަށް ފަރުވާ ފޯރުކޮށްދޭން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމުގައި އެ ކޮމިޝަނުން ބުނެއެެވެ.

އަދި ނަރުހުން މަދުވުމުގެ ސަބަބުން އެނދުމަތިކޮށް ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރާއިރު، އެތަނުގައި އެނދުމަތިކުރާ މީހުންނަށް ފެސިލިޓީން ފޯރުކޮށްދެމުންދާ ޚިދުމަތާ ގުޅޭ މައުލޫމާތު އާއިލާތަކަށް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެ ލަސްވަމުންދާކަން ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެތަނުގައި ތިބޭ ބަލިމީހުންނަށް އާއިލާއިން ފޮނުވާ ތަކެތި ބަލައިގަތުމަށް ވަކި ގަޑިތަކެއް ކަނޑައަޅައި ތަނުގެ ބޭރުގައި އެ ގަޑިތައް ބަޔާންކޮށްފައިހުރި ނަމަވެސް، އަދި ފޮނުވާ ތަކެއްޗާ ހަވާލުވުމަށް އެތަނުގައި އަބަދު މީހަކު ހުންނަކަން ކޮމިޝަނުން ބުނެފައިވެއެވެ. އަދި އާއިލާއިން ފޮނުވާ ތަކެތި ވޯޑާ ހަމައަށް ވަގުތުން ގެންދިޔަ ނަމަވެސް އެތަކެތި ބަލިމީހާއާ ހަމައަށް ގެންދަނީ ފެސިލިޓީގައި މަސައްކަތްކުރާ އެޓެންޑެންޓުންނާއި ނަރުހުންކަމަށް ވެފައި، ތަނުގައި ތިބި ނަރުހުން މަދުވުމުން، އެތަކެތި ގެންގޮސްދިނުން ލަސްވާކަން ފާހަގަކުރެވޭ ކަމަށް ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރަށް ވޯޑުތަކުގައި ބަލިމީހުންގެ އިތުރަށް އެމީހުންގެ އެހީތެރިންވެސް ތިބެންޖެހުމުން ތަނުގެ ޖާގައަށްވުރެ ގިނައިން މީހުން އެތަނުގައި ތިބޭކަން ފާހަގަކޮށް، އެކަމުގެ ސަބަބުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަން ދަތިވާކަމަށްވެސް ކޮމިޝަނުން ބުނެއެެވެ. އަދި ބަލިމީހާގެ ހާލަތަށް އަންނަ ބަދަލުތަކުގެ މައުލޫމާތު އާއިލާއަށް ފޯރުކޮށްދިނުމަށް ޑޮކްޓަރަކު ހަމަޖައްސާފައިވީ ނަމަވެސް، އެ މައުލޫމާތު ވޯޑުތަކުން ލިބުން ލަސްވުމުގެ ސަބަބުން އާއިލާތަކަށް މައުލޫމާތު ފޯރުކޮށްދިނުންވެސް ލަސްވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ޚިދުމަތްތަކާ އެތަނުގެ ކެއިންބުއިން ރަނގަޅު ނޫންކަމަށްބުނެ ބައެއް އާންމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން