ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން އިތުރު 3 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފެށި އޮޕަރޭޝަނަކެވެ.

“ރަސް އޮންލައިން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހުން ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ނަަމަވެސް މި މީހުންނަކީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުން ހުރި ބައެއް ނޫންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން އިތުރު 3 މީހަކު ހައްޔަރުކުރި ނަމަވެސް އެމީހުންނާއި ގުޅޭ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއިއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކުން ވަނީ އެލާޓް ލެވަލް މައްޗަށް ޖައްސާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށާފައެވެ. މި އޮޕަރޭޝަން ތަކުގައި މީގެކުރިންވެސް ވަނީ މާލެއާއި ހުޅުމާލެއިން 11 މީހަކު ހައްޔަރުކޮށްފައެވެ.

އެހެންކަމުން މިހާތަނަށް މި އޮޕަރޭޝަން ތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ. މީގެއިތިރުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުންހުރި 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން