އިންޑިއާގެ ކޮންސިއުލޭޓް އޮފީސް ވީހާވެސް އަވަހަށް އައްޑޫގައި ހުޅުވަން ޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް ވިދާޅުވީ އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުން، އެކަމުގެ ފަސޭހަތައް ލިބޭނީ ހަމައެކަނި އައްޑޫ ރައްޔިތުންނަށް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ފުވައްމުލަކާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އައްޑޫއާއި އިންޑިއާއާ ދެމެދު ފްލައިޓު ދަތުރުތައް ބޭއްވުމުން ވަގުތާއި ފައިސާ ވެސް ސަލާމަތްވާނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އަދި މި ކޮންސިއުލޭޓް ވީހާވެސް އަވަހަށް ގާއިމު ކުރެވޭތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާ އައްޑޫއާ ދެމެދު ފްލައިޓް ތަކެއް ބާއްވާނެ ކަމެއް ނުވަތަ އެއޮފީހުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވިސާ ދޫކުރާނެ ކަމެއް ވެސް އަދި ކަނޑައަޅާފައެއް ނުވެއެވެ. މީގެއިތުރުން އިންޑިއާއަކީ އާންމު ހާލަތުގައި ދިވެހީން ވިސާ ނަގައިގެން ދާންޖެހޭ ގައުމަކަށް ނުވާތީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވިއަސް އެތަނުން އިންޑިއަށް ދާން އާންމު ހާލަތުގައި ވިސާނަގަން ޖެހޭނެ ކަމަކަށް ނުބެލެވެއެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ނިއްމާފައެވެ. އިންޑިއާއިން އެކަން ކުރާ މައިގަނޑު މަގުޞަދަކީ އެގައުމުގެ ސިޔާސީ ބާރުވެރިކަން އިތުރުކޮށް ވަރުގަދަ ކުރުމަށް ކަމަށް އެގައުމުން ވަނީ ބުނެފައެވެ. މި ކޮންސިއުލޭޓްގެ އަނެއް ބޭނުމަކީ ރާއްޖޭގައި އިންޑިއާގެ ވިޔަފާރިތަކަށް މަގުފަހިކޮށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ކެބިނެޓްގެ ނިންމުމުގައި ވެއެވެ. ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި އިންޑިއާގެ ޚަރަދުގައި ޕޮލިސް އެކަޑަމީއެއް މިހާރު ގާއިމު ކުރަމުންގެންދާއިރު އިންޑިއާގެ ކޮންސިއުލޭޓެއް މި ގާއިމު ކުރަނީ އެތަނަށް އަމާޒުކޮށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އިންޑިއާއިން ހަދިޔާކުރި ދެހެލިކޮޕްޓާއި ޑޯނިޔާ މަތިންދާބޯޓު ބަލަހައްޓައި ދުއްވުމަށް އިންޑިއާގެ އަސްކަރިއްޔާގެ ގިނަ ބައަކު ރާއްޖޭގައި ހަރަކާތްތެރިވަމުން ދާއިރު މީގެތެރެއިންވެސް އެންމެ ގިނަ ސިފައިން ހަރަކާތްތެރިވަނީ އައޑޫ ސިޓީގައި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު ރަސްމީ އެއްވެސް ފަރާތަކުން މިކަމުގެ މައުލޫމާތު ހިއްސާކޮސްފައެއް ނުވެއެވެ.

ކޮންސިއުލޭޓް ހުޅުވުމާ ދެކޮޅަށް މީސް މީޑިއާގައި ވަނީ "ސޭވް އައްޑޫ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

އިބްރާ

04-Jun-2021

ކަލޭގެ ކަހަލަ ބުއްދިނުކުރާ އަމިއްލަ ނަފްސް ހަލާކަށް ހުށަހަޅާފައިވާ މީހެއްގެ ވާހަކަ ރައްޔިތުން ޤަބޫލެއްނުކުރާނެ.



ޓްރެންޑިން