ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
އިންޑިއާގެ ކޮންސިއުލޭޓެއް ދިވެހި ރާއްޖޭގައި ހުޅުވަނީ ކޮން ބޭނުމެއްގައިތޯ ބަލަން އެބަޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

އިންޑިޔާ ސަރުކާރުން ވަނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިއްމާފައެވެ. އެކަމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ މިދަނޑިވަޅުގައި އިންޑިޔާގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވަނީ ކޮން ބޭނުމެއްގައިތޯ ބަލަން އެބަޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އެއްވެސް ކަހަލަ ބުރުލެއް އަރާކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ އިތުރުންވެސް އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމުގައި ކަންބޮޑުވާ އެހެން ކަންތައްތައްވެސް ފާހަގަކުރެވިފައިވާ ކަމަށް ދުންޔާ ވިދާޅުވިއެވެ.

އެގޮތުން އުތުރު ތިލަފަޅު އެގްރީމެންޓާއި، އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބިނާކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަން އެއީ މިހާރު ގިނަ ދިވެހި ރައްޔިތުން ކަންބޮޑުވާކަމެއްކަމަށް ދުންޔާ ވިދާޅުވިއެެވެ. ދުންޔާ ވިދާޅުވީ އައްޑޫ ސިޓީއަށް ކުރިއެރުމާ ތަރައްގީ އެދިވަޑައިގަންނަވާ ކަމަށާއި އައްޑޫ ސިޓީގައި އެކިކަހަލަ މަޝްރޫއުތައް ހިންގުމަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރުން މިވަގުތު އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަކީ އެހާ މުހިންމު ކަމެއްތޯ ވިސްނާލުން މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.





"ދިވެހި ކޮންސިއުލޭޓެއް ހުރޭ ޓްރިވެންޑްރަމްގަ. ޓްރިވެންޑްރަމްގަ ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ. އަދި އެތާ އުޅޭ ދިވެހިންނަށް އެކި ކަހަލަ އެހީތެރިކަން އެ ކޮންސިއުލޭޓުން ފޯރުކޮށްދޭ. އައްޑޫ ސިޓީގަ އިންޑިއާގެ ރައްޔިތުން އެހާ ގިނަ އަދަދަށް ދިރިއެއް ނޫޅޭ." ދުންޔާ ވިދާޅުވިއެވެ

މީގެ އިތުރުން ދުންޔާ ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން، އިންޑިއާ ސަރުކާރުން ނިންމި ނިންމުމެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް އިވިގެން ދިއުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަަމެއް ކަމަށެވެ. ކޮވިޑުގެ މިހާލަތުގައި އިންޑިއާ ސަރުކާރުން އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމި ނިންމުމުގެ ވާހަކަ އަޑު އިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ. ހާއްސަކޮށް ކޮންސިއުލޭޓެއް ހުޅުވުން ކަހަލަ ކަމެއްގައި، ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންނަށް އެކަން އެއްވެސް ވަރަކަށް ހިއްސާނުކޮށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމެއްގެ ގޮތުގައި އަޑު އިވިގެން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ހައިރާންވި، އަދި ވަރަށް ކަންބޮޑުވެސް ވި، މި ހަބަރު އިވުނީމަ." ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ ވިދާޅުވިއެެވެ. އިންޑިޔާގެ ކޮންސިއުލޭޓެއް ރާއްޖޭގައި ހުޅުވުމަށް އެގައުމުން ނިއްމި ނަމަވެސް ސަރުކާރުން މިކަމާ ބެހޭގޮތުން ވަކިގޮތެއް އަދި ނުނިއްމައެެވެ. އެކަމަކު ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ބޭފުޅުންނާއި އެޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ގެންދަވަނީ މިކަމަށް ވަރަށް ބޮޑަށް ތާއީދު ކުރަށްވައި އަވަހަށް ކޮންސިއުލޭޓް ގާއިމު ކުރުމަށް ގޮވާލައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


12

ބޮނދު ދައްތަ😀😀

30-May-2021

ދުންޔާ ރަންގަޅުވާނީ ބަންގާޅު ކޮންސިއުލޭޓެއް އެޅުން ކަ،ަށް ފެނޭ



ޓްރެންޑިން