ކާފިއު ގަޑީގައި ސިފައިން އަދި ފުލުހުން، މާލެ ސަރަހައްދު ޕެޓްރޯލް ކުރަމުންދަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
ކާފިއު ގަޑީގައި ސިފައިން އަދި ފުލުހުން، މާލެ ސަރަހައްދު ޕެޓްރޯލް ކުރަމުންދަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން)
މާލެ ސަރަހައްދުގައި އާންމު ތަންތާގައި މާސްކް ނާޅާއުޅޭ ޒުވާނުން ވަރަށްގިނަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދިއުމާއިއެކު، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގައި ކާފިއު އިއުލާންކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މާސްކް އަޅައިގެން އުޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ.

ނަމަވެސް އެތައް ޒުވާނުންނެއް މާސްކް ނާޅައި އުޅޭކަމަށް ފާހަގަވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް، އުމުރުން 20 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރާގެ ޒުވާނުންގެ 48 އިންސައްތަ މީހުން މާލެ ސަރަހައްދުގެ އާންމު ތަންތާގައި މާސްކް ނާޅާ އުޅޭކަމަށް ފާހަގަކުރެވިފައިވެއެވެ.

މީގެއިތުރުން، ކޮވިޑުން ރައްކާތެރިވުމަަށް ވެކްސިނުގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރޭގައި ގިނައީވެސް ޒުވާނުންނެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް، އުމުރުން 20 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރާގެ ޒުވާނުންގެ ތެރޭގައި ވެކްސިނުގެ އެއްވެސް ޑޯޒެއް ނުޖަހާ 39 އިންސައްތަ މީހުން ހިމެނޭކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކޮވިޑް ކޭސްތަކުގެ އަދަދު ދަށްކުރެވޭނެ ކަމުގެ އުންމީދު އޮތްކަމަށް ޑރ. ނަޒްލާ މުސްތަފާ ވެސް ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ. އަދި ލޮކްޑައުން ފަދަ ހަރުކަށި ފިޔަވަޅުތަކާއެކު އަވަހަށް ނަންބަރުތައް ދަށްކުރެވި، މިބަލީގައި ހާލު ބޮޑުވެ މަރުވާ މީހުންގެ އަދަދު ވެސް ދަށްކުރެވުމުގެ ފުރުސަތު ބޮޑުވާނެކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތައް އިތުރުކޮށް އާންމުކޮށް ނުކުމެ އުޅުން މަނާކުރީ ވެސް ކުރިން ދީފައިވާ ލުއިތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް ކޯވިޑާއެކު އުޅެން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުނުކުރާ ފަރާތްތައް އިތުރުވެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންނެވެ. ސިއްހީ މާހިރުން ލަފާދެއްވަނީ ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތަކަށް އަމަލުކުރާނަމަ އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް ފެތުރޭ ނިސްބަތް ދަށްކުރެވި ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށެވެ.

އެގޮތުން ގެއިން ބޭރަށް ނުކުންނައިރާއި އެހެން މީހުންނާ ބައްދަލުވާ ވަގުތު ތަކުގައި މާސްކް ރަނގަޅަށް އަޅައިގެން އުޅުމާއި އަވަސް އަވަހަށް އަތްދޮވުމާއި އަތް ދޮވެގެން ނުވަތަ ސެނިޓައިޒް ކޮށްގެން ނޫނީ މޫނުމަތީގައާއި ތަންތާގައި އަތްލައި ނުހެދުމާއި ގިނަ މީހުން އެއްވާ ތަންތަނަށް ނުކުމެ ނޫޅުމާއި ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނުކުންނާން ޖެހިގެން މެނުވީ ގެއިން ބޭރަށް ނުނުކުތުމާއި ބައްދަލުވާ މީހުން މަދުކުރުމާއި އަބަދުވެސް ގައިދުރުކަން ބެހެއްޓުމާއި ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ގެއިން ބޭރަށް ނުނުކުމެ އެކަހެރިވެ އުޅުމުން ބަލި ފެތުރުން ވަރަށް އަވަހަށް ހުއްޓި ތިމާއާއި ތިމާގެ އާއިލާއާއި ގާތް މީހުން ބަލިން ރައްކާތެރި ކުރުމަށް އެހީތެރިވެދެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން