ކޯވިޑާއި ގުޅިގެން މާލެ ސަރަޙައްދުގައި ޚާއްސަ ފިޔަވަޅުތައް އަޅާފައިވާ މުއްދަތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި ފީތަކުގެ ސުންގަޑި ފަސްކޮށްދީފިއެވެ.

މީރާއިން ޓެކުހާއި ފީތަކުގެ ސުންގަޑި ފަސްކޮށްދީފައި މިވަނީ ކޯވިޑާ ގުޅިގެން މާލެ ސަރަޙައްދާއި ރާއްޖޭގެ ބައެއް އެހެން ސަރަޙައްދުތަކުގައި ކާފިއު ހިންގައި އެހެނިހެން ހަރުކަށި ފިޔަވަޅުތައް އަޅާފައިވާތީ އެވެ.

މީރާއިން ބުނީ ސުންގަޑިތައް ފަސްކުރީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަޙައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާތީއާއި އެ މުއްދަތުގައި އާންމުން ބޭރަށް ނުކުމެ އުޅުން މަދުކުރުމުގެ ގޮތުން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާތީކަމަށެވެ. އެހެންކަމުން މި މުއްދަތުގައި އަންނަ ޓެކުހާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތައް 10 ޖޫން 2021 އަށް ފަސްކޮށްދީފައިވާކަމަށް މީރާއިން ބުނެއެވެ. އަދި މީރާއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ، ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯއްދެވުމަށްވެސް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އޮފީސްތައް ބަންދުކޮށް، މާލެ ސަރަޙައްދުގައި ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ކޮންމެ ދުވަހަކު ހަވީރު 4:00 އިން ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި މާލެ ސަރަޙައްދުގައި އެއްވެސް ވަގުތަކު ބޭރަށް ނުކުމެ އުޅެވޭނީ ޚާއްސަ ހުއްދައަކާއެކުކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު


10

ޒައިނަބު

30-May-2021

ރައްޔިތުން ބަނޑަށްޖެހޭ އިރުވެސް މީރާއަށް ޓެކުސްޓް ދައްކަން ޖެހޭ ދޯ؟