އިންޑިއާގެ ކޮންސިއުލޭޓް އައްޑޫ ސިޓީގައި އެޅުމަށް މަސައްކަތް ކުރަނީ މުސްތަގުބަލުގައި އިންޑިއާގެ ގިނަ ބަޔަކު އައްޑޫގައި އާބާދުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތުކުރައްވައިފިއެވެ.

އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމަށް އިންޑިޔާގެ ސަރުކާރުން ނިއްމުމާއި ގުޅިގެން ޕީޕިއެމްގެ ނާއިބް ރައީސް ޝިޔާމް ވިދާޅުވީ އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އޮފީހެއް ހުޅުވައިގެން މި ދަނޑިވަޅުގައި ދިވެހިންނަށް ވާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އަދި ވިސާ ނެގުން ފަދަ ކަންތައްތަކަކީ މިޒަމާނުގައި އޮންލައިންކޮށްވެސް ކޮށްލެވޭ ކަންތައްތައް ކަމަށާއި އެހެންކަމުން އެކަންތައްތަކަށް މަގުފަހިކޮށްދޭށޭ ކިޔައިގެން، އައްޑޫގައި އިންޑިއާ މީހުން ގާއިމުވެ، ކޮންސިއުލޭޓެއް ބެހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ތަނެއްގައި އެެހެން ގައުމެއްގެ ކޮންސިއުލޭޓް ގާއިމުކުރަނީ އެ ގައުމެއްގެ ރައްޔިތުން އެތަނެއްގައި ގިނަވުމުން ކަމަށެވެ. އެގޮތުން އައްޑޫގައި މިހާރު ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަސައްކަތް އެ ކުރަނީ މުސްތަގުބަލުގައި އިންޑިއާ މީހުން އައްޑޫގައި އާބާދުކުރުމަށް ކަމަށް ޝިޔާމް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ކޮންސިއުލޭޓް އެއީ އިންޑިއާ މީހުންގެ އިންޓްރެސްޓު ހިމާޔަތްކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަކުރައްވާފައެވެ.

"އައްޑޫ ސިޓީއަށް އިންޑިއާ މީހުން އެބަ އަރުވާ. އޭގެ މާނައަކީ އިންޑިއާ ވަރަށް ގިނަ މީހުން މުސްތަގުބަލުގަ އައްޑޫއަށް އެބަ ގެނެއޭ." ޝިޔާމް ވިދާޅުވިއެެވެ.

ޝިޔާމް ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުނެއްގައި، އެ ގައުމުގެ ހުރިހާ ރަށެއްގައި އެހެން ގައުމުތަކުގެ އެމްބަސީތައް ގާއިމުކުރުން މުހިންމު ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް އިންޑިއާގެ އެމްބަސީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރަން ބޭނުން ނުވާ ކަމަށާއި އޭގެ އަޑީގައި އަނދިރި ފަރާތެއް އޮތްކަމަށް ގަބޫލުކުރައްވާ ކަމުގައި ޝިޔާމު ވިދާޅުވިއެވެ. އެ ފަރާތް ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ޝިޔާމް ވަނީ ގޮވާލައްވާފައެެވެެ.

"މާދަމާ އަނެއްކާ ކުޅުދުއްފުށީ ސިޓީގަ. މިހާރު ދެކުނުގަ ގާއިމުކުރެވުނީއޭ ކިޔާފަ އަނެއްކާ ކުޅުދުއްފުށީ ސިޓީގަ ގާއިމުކުރަންވީ. އަނެއްކާ މެދުރާއްޖެތެރޭގަ ގާއިމުކުރަންވީ. މީގަ ސަލާމަތެއް ނެތް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވާއިރު، އާންމުކޮށް ގައުމުތަކުގައި އެހެން ގައުމެއްގެ ކޮންސިއުލޭޓް ހުންނަނީ ވެރިކަންކުރާ ރަށް ނުވަތަ އެގައުމެއްގެ ރައްޔިތުން އެންމެ ގިނަ ސަރަހައްދު ތަކުގައި ކަން ފާހަގަކުރެވެއެވެ. އެގޮތުން އިންޑިއާގެ ހައިކޮމިޝަނެއް މިހާރުވެސް ރާއްޖޭގެ ވެރިރަށް މާލޭގައި ހުރެއެވެ. އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުމާއި އިންޑިއާގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުރުން ބައެއް ސިޔާސީ ފަރާތްތަކުން އަޅާކިއުއްވައި ބަހަނާއެއްގެ ގޮތުގައި އެކަން ދެއްކި ނަމަވެސް ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވީ ދިވެހީން އާންމުކޮށް ގޮސް އުޅޭ އަދި އެތައް ހާސް ދިވެހީންނެއް އެތަނުގައި ވަޒަންވެތިވެ އުޅެމުންދާތީ ދިވެހި ކޮންސިއުލޭޓެއް އެ ސިޓީގައި ހުރުމަށް ދެގައުމެވެސް ޝައުޤުވެރިވެ އެކަމަށް ބޭނުން ވެގެންނެވެ. ނަމަވެސް އައްޑޫ ސިޓީއަކީ އަދި މިހާތަނަށް އިންޑިއާގެ ރައްޔިތުން ދިރިއުޅޭ ނުވަތަ އާންމުކޮށް ޒިޔާރަތްކޮށް އުޅޭ ރަށެއްވެސް ނޫނެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އިންޑިޔާއިން ނިއްމި ނަމަވެސް ސަރުކާރުން ވަކިގޮތެއް އަދި ނުނިއްމައެެވެ. އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް އެޅުމަށް ތާއިދުކުރާ ސަރުކާރުގެ ސިޔާސީ ފަރާތްތަކުންނާ ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ފަރާތްތަކުން ވިދާޅުވަނީ އެކަމަކީ އައްޑޫގެ ތަރައްގީއަށް މުހިންމު ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ކަމަށް ވެސް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ. އެގޮތުން އިންޑިއާއިން ސީދާ ފްލައިޓްތައް އައްޑޫއަށް ދަތުރުކުރަން ފެށުމާއި އެސަރަހައްދުގެ ރައްޔިތުންނަށް ވިސާގެ ކަންކަމުގައި ފަސޭހަވެގެންދާނެ ކަމެއް ކަމަށްވެސް އެފަދަ ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ކޮންސިއުލޭޓެއް ހުޅުވުމާއި ސީދާ ގުޅުންހުރި ކަންކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު


12

އަބްދޫ

30-May-2021

އައްޑޫގަ ނަސިދުގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުން ދޭހަވާ އިބާރާތަކުން މީގެ ކުރިން ނަސީދު ވާހަކަ ދައްކަވާފަ އޮންނާނެ.


4

އަބްދޫ

30-May-2021

ތިޔައީ ހަގީގަތް .ފުރަތަމަ ގެންނާނީ މިހާރު ހަފާފައިވާ ޓްރޭނިންގ ސެންޓަރަށް މުވައްޒަހުން ދެން އެމިހުންގެ އަނބިދަރިން.ދެންއަންނަނި ތަމްރީނު ހަދާފަރާތްތަކާއި އެފަރާތްތަކުގެ އައިލާތަށް ދެންއަންނަނި އެމީހުންގެ ހިމާޔަތަސް އިންޑިޔާގެ ހަތިޔާރު އެޅިސިފައިން. ކޮންސިއުލޭޓް ގެ ހަގީގީ ބޭނުމަކީ މިއީ.;



ޓްރެންޑިން