ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފަށް ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން ޖޫރިމަނާކުރުމަކީ މައްސަލައެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ ބައެއް މީހުން މިސްކިތަށް ނަމާދަށް އެރުމުން ފުލުހުން ޖޫރިމަނާކުރާކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުންނެވެ.

ޝައިޚް ޒައިދު ވިދާޅުވީ ހުއްދަ ނެތި ބޭރުގައި އުޅެންޏާ ޖޫރިމަނާކުރެވިދާނެކަމަށެވެ. ނަމަވެސް ބޭރުގައި އުޅެން ހުއްދަ އޮތް މީހަކު މިސްކިތަށް އަރައިގެން ޖޫރިމަނާކުރިނަމަ އެއީ ބޮޑު މައްސަލައެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ މިސްކިތަށް ނަމާދަށް އަރައިގެން މީހަކު ޖޫރިމަނާކޮށްފައިނުވާކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. މީޑިއާއަކުން ރިޕޯޓްކުރި އެ ޚަބަރާއި ގުޅިގެން ފުލުހުންވެސް ބުނީ އެފަދަ ކަމެއް ކޮށްފައި ނުވާ ކަމަށެވެ.



ކޯވިޑް-19 އާއިގުޅިގެން މިސްކިތްތައް ބަންދުކޮށްފައިއޮތް ނަމަވެސް މިސްކިތްތަކަށް ނުވަދެވޭ ގޮތަށް، މިހާރު މިސްކިތްތައް ބަންދުކޮށްފައިވާ ގޮތަށް ބަންދުކުރުން ބަލައި ނުގަނެވޭނެކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ، ބައެއް ފަރާތްތަކުން މިނިސްޓްރީގެ ނިންމުމަށް އިޙްތިރާމްނުކޮށް މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ދާތީއެވެ. އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ މި މެއި މަހުގެ 26 ވަނަ ދުވަހުއެވެ.



މާލޭގައި ދިރިއުޅޭ ގިނަ މީހުންނަކީ ވަރަށް ދަތިކޮށް ކުދި ތަންތަން ކޮޅުގައި އުޅޭ ބަޔަކަށް ވުމާއެކު ނަމާދުކުރުމުގައި ދަތިތަކެއް ފޯރާނެކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިސްކިތްތައް އެއްކޮށް ބަންދުކޮށް ފެން އިސްކުރުތަކުން ފެން ނުލިބޭ ގޮތަށް ހެދުމަކީ ގިނަ ބަޔަކު ބަލައި ނުގަންނަ ކަމެކެވެ.

ކޮވިޑާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުން ހުއްޓާލާފައިވަނީ މި މެއި މަހުގެ 19 ވަނަ ދުވަހުއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަ ގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރި ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން