ޚަބަރަކާ ގުޅިގެން ޕާޓީއަކުން ނޫހެއް ކުށްވެރިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި, އެމައްސަލަ ބަލަންޖެހޭނެ ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާން ފަހްމީ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އަމިއްލަ ބަޔަކު ހިންގާ އޮންލައިން ނޫހެއްގައި ޝާއިޢުކުރި ޚަބަރެއްގެ މައްސަލަ ބަލާ، ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލުމާއި ގުޅިގެނެވެ.

އަލްހާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަން ހާމަކުރަން ބޭނުންނުވާ މުޢުތަބަރު ފަރާތަކުން ކަމަށްބުނެ، ޚަބަރު ލިޔުމަކީ ނޫސްވެރިންނާ ނޫސްވެރިން ކުރާ ކަމެއްކަމަށާއި މިބާވަތުގެ ޚަބަރު ލިޔުމަކީ ރާއްޖޭގައި އާންމު އާދައިގެ ކަމެއްކަމަށެވެ.



އަލްހާން ވިދާޅުވީ ނޫހުގައި ޝާއިއުކުރި ހަބަރަކީ ދޮގު މަޢުލޫމާތެއް ނަމަ ނުވަތަ ހާމަކުރުން މަނާ މައޫލޫމާތެއް އޭގައި އޮތްނަމަ، އެކަން ކަމާބެހޭ ފަރާތަށް ހުށަހަޅައިގެން ނޫހާއި ނޫސްވެރިޔާ ޒިންމާދާރުކުރުވާ، ކަމުގެ ޙަޤީޤަތް ކިޔާ މީހުންނަށް ހާމަކޮށްދެވޭނެކަމަށެވެ. އެކަމާއި ގުޅޭ ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި އެބައޮތްކަމަށް އަލްހާން ވިދާޅުވިއެވެ.



އަލްހާން ވިދާޅުވީ ވަކި ޚަބަރަކާ ގުޅިގެން ޕާޓީއަކުން ނޫހެއް ކުށްވެރިކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށާއި، މިއީ ޒިންމާދާރު ސިޔާސީ ޕާޓީއަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ގޮވާ ޕާޓީއަކުން ނޫސްވެރިކަމަށް ހަމަލާ ދިނުމަކީ ވަކި މީހެއްގެ ސިޔާސީ މަންފާއަށްޓަކައި ކޮށްގެންވާނެ ކަމެއްވެސް ނޫންކަމަށް އަލްހާން ވިދާޅުވިއެވެ.



އަލްހާން ވަނީ މިމައްސަލަ ބެލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށްވެސް ގޮވާލައްވާފައެވެ.



އެމްޑީޕީން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނީ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއަސް މައްސަލައެއްކަމަށެވެ. އެހެންކަމުން، ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން