ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކާއި ގުޅިގެން މިއަދު ބާއްވަން އޮތް ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މިއަދު ހެނދުނު 9:30 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކުރީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަމަށް އެދިވަޑައިގަތުމުންނެވެ. އަޑުއެހުން ކެންސަލްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅީ، އެމަނިކުފާނަކީ 55 އަހަރުން މަތީގެ ހައި ރިސްކް ބޭފުޅެއް ކަމަށްވުމާއެކުއެވެ. އަދި ކޮވިޑާއި ގުޅިގެން އެފަދަ ފަރާތްތަކަށް ލުއި ދިނުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އެންގުމާއި އެއްގޮތަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު ކޮވިޑްގެ ހާލަތުން އަރައިގަނެވެންދެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭންވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެދިފައެވެ.

ރައީސް ޔާމީން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ގެއަށް ބަދަލުކޮށްފައެވެ.



މިއަދު ތާވަލު ކޮށްފައި އޮތް ދެ ދައުވާއަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކުރަށްވައިގެން ރިޝްވަތު ނަންގަވައިގެން އަދި އެ ފައިސާ ބޭނުންކުރަށްވައިގެން މަނީ ލޯންޑާކުރެއްވުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން