17 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި، ބްލެކްމެއިލްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ 17 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކުރާ މައްސަލައެއް މިދިޔަމަހުގެ 3 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން މިހާރު ކުރަމުން އަންނަކަމަށެވެ.

“ރަސް އޮންލައިން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖަކަށް އިންޒާރު ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނީ މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރާޅާ އެޅުންތެރިއެއް ކަމުގައިވާ އިބްރާހިމް ސައިފަށެވެ. ބޮޑީ ބޯޑިން އެސޯސިއޭޝަނުންވެސް ވަނީ އާނާއާމެދު މިހާރު ފިޔަވަޅު އަޅާފައެވެ.

މިމައްސަލައިގައި ސޯޝަލް މީޑިއާގައިވެސް ބައެއް ވާހަކަތައް ވަނީ ފެތުރިފައެވެ. އެގޮތުން އާއިލާއާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވަނީ އަންހެން ކުއްޖާއަށް ބިރުދައްކައި ފުރައްސާރަކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެއްޖެކަމަށެވެ. އެގޮތުން އަންހެން ކުއްޖާގެ ނަމުގައި ފޭކު ސޯޝަލް މީޑިއާ އެކައުންޓުތައް ހަދައި، އެކުއްޖާގެ ރައްޓެހިންނަށް ފޮޓޯތައް ފޮނުވުމުގެ އިތުރަށް، އަންހެން ކުއްޖާގެ ފޮޓޯތަކެއް، އެކުއްޖާގެ އާއިލާ މެމްބަރުންނަށް ވެސް ފޮނުވަމުންދާކަމަށް ބުނެފައިވެއެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހެޅީ އެކަން ހުއްޓުވުމަށް ސައިފާ ވާހަކަ ދައްކައިގެން އެއްވެސް ކަހަލަ ހައްލެއް ނުލިބުމުންކަމަށްވެސް އާއިލާއާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން