މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ މަރުކަޒުތައް ނުވަތަ ރިހެބިލިޓޭޝަން ސެންޓަރު ހިންގަން އަމިއްލަ ފަރާތްތަކަށް ހުޅުވާލި އިއުލާން ބާތިލްކޮށްފިއެވެ.

ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ހުޅުވާލީ މިިދިޔަމަހުގެ 1 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮތީ ހުޅުވާލާފައެވެ.

ނޭޝަނަލް ޑްރަގް އެޖެންސީން ބުނީ (އެންޑީއޭ) ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލީ ފުރުސަތު ބާތިލްކުރީ މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަންޖެހޭތީ ކަމަށެވެ. ނަމަވެސް އަލުން މި ފުރުޞަތު ހުޅުވާލާނެ ދުވަހެއް ހާމައެއް ނުކުރެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދޭ މަރުކަޒުތައް ގާއިމްކޮށް ހިދުމަތް ދިނުމުގެ ފުރުސަތު ގާނޫނުން އަމިއްލަ ފަރާތްތަކަށް ލިބޭއިރު، ޖެންޑާ މިނިސްޓަރު އައިޝާ މުހައްމަދު ދީދީ ވަނީ އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ހިންގުމަކީ މިހާރު ކުރަންޖެހޭކަމެއްކަމަށް މިދިޔަ މާޗުމަހު ވިދާޅުވެފައެވެ.

ރާއްޖޭގައި މިވަގުތު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް 5 ސެންޓަރެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. އެއީ ހދ. ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު، ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ހިންގާ ހާފްވޭ ހައުސް، ގދ. ތިނަދޫގައި ހިންގާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު، ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު އަދި ސ. ހިތަދޫގައި ހިންގާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން