ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ގެއްލުންދީފައި
ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ގެއްލުންދީފައި
މާލެ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބަޔަކު ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް އަރައި ގެއްލުންދީ، ފިނޮޅު ނައްތާލަށް އުޅުނު މައްސަލާގައި އެ ރިސޯޓު ފަސްލައްކަ ރުފިޔާގެ ކުޑަ ޖޫރިމަނާއަކުން ސަލާމަތް ވެއްޖެއެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކ. ހިންމަފުށީ ކައިރީގައި އޮތް ފިނޮޅަކަށް ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފުންތަކެއް އަރައި އެ ފިނޮޅުގެ ހުރަހަށް ފެން ދައުރުވާނެ ގޮތަށް ފަސްގަނޑު ކޮނެ، އެ ފިނޮޅުގެ ވެލިގަނޑު ގިރައިގެން ދާނެ ގޮތަށް ކޯރު ކަނޑާފައިވާކަން އެ އެޖެންސީއިން ފުލުހުން މެދުވެރިކޮށް ބެލިބެލުމުން ޔަގީން ކުރެވިފައިވާ ކަމަށެވެ.

މިގޮތުން، އެ ފިނޮޅުގެ ތިން ސަރަޙައްދަކުން ކޯރު ކަނޑާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން، ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޖުމްލަ ޢަދަދު ކަމަށްވާ 5,62,980.00 (ފަސްލައްކަ ފަސްދޮޅަސް ދެހާސް ނުވަސަތޭކަ އަށްޑިހަ) ރުފިޔާ 30 ދުވަހުގެ ތެރޭގައި އެ އެެޖެންސީއަށް ދެއްކުމަށް ގިލި ލަންކަންފުށި މޯލްޑިވްސް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ އޮޕަރޭޓަރ، ޕްރޯމަސް ޕްރައިވެޓް ލިމިޓެޑަށް އީޕީއޭ އިން ވަނީ އަންގާފައެވެ. ނަމަވެސް ފިނޮޅެއް ނައްތާލަން އުޅުނު ބަޔަކު މިހާ ކުޑަ ޖޫރިމަނާއަކުން ސަލާމަތްވީ ގާނޫނުގެ ކޮން ބާގަނޑެއްގެ ބޭނުން ކޮސްގެން ކަމެއް އީޕީއޭއަކުން ނުބުނެއެވެ.

ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރުދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވެސް ހިމެނޭ ގޮތަށް ބަޔަކު ފިނޮޅަށް އަރައި އެ ތަން ނައްތާލުމުގެ ގޮތުން މުޅި ތަން ސުންނާފަތި ކޮށްފައިވާ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވެސް ވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ހިންމަފުށިން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގޫވާ ކަމަށްބުނެއެވެ. އެ ތަން ހަލާކު ކުރަމުންދާ ކަން ހިންމަފުށީގެ ބަޔަކަށް އެނގިގެން ރަށުން ބަޔަކު ގޮސް އެ މަންޒަރުތައް ވީޑިއޯކޮށް ވަނީ މީސްމީޑިއާގައި އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން