ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ސިފައިންނާއި ސިފައިންގެ މުވައްސަސާއަށް ކިޔާ ފާޑުކިޔުންތައް ހުއްޓާލަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވިދާޅުވެެއްޖެއެެވެ.

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ބަޔަކު ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އެމްޑީޕީގެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސިފައިންނަށް އަމާޒުވަމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ.

މަލީހު ވިދާޅުވީ، އެމްޑީޕީގެ މަތިފަޑިން ކެނޑިނޭޅި ސިފައިންނާއި ސިފައިންގެ މުވައްސަސާއަށް ކިޔާ ފާޑުކިޔުންތައް ހުއްޓާލަންޖެހޭ ކަމަށެވެ. ސިފައިންގެ މުވައްސަސާގައި އެންމެ އިސްކޮށް ތިއްބަވައިގެން އެ މުވައްސަސާ ހިންގަވަނީ އެމްޑީޕީން ކަމަށް މަލީހު ވިދާޅުވިއެވެެ.

"ތިބޭފުޅުންގެ ނަޒަރުގައި ސިފައިން ފެއިލްވެއްޖެނަމަ މަގާމުން ދުރުކުރާނެ ތަރުތީބު މިއޮތީ، ބޭކާރު ވާހަކަ ގިނަ ނުކުރައްވާ." މަލީހުގެ ނަޒަރުގައި އިސްތިއުފާ ދެއްވަންވީ ބޭފުޅުންގެ ނަންތައް ހިމެނޭ ލިސްޓެއް ހިއްސާ ކުރަށްވަމުން ވިދާޅުވެފައިވެއެވެ.



މަލީހު އެ އިޝާރަތްކުރެއްވި ތަރުތީބުގައި އެންމެ ކުރީގައި ހިމެނެނީ އެމްއެންޑީއެފްގެ އެންމެ އިސްވެރިޔާ އަދި ކޮމާންޑަރ އިން ޗީފް ރައީސް އިބްރާހިމް މުހަންމަދު ސޯލިހެވެ. ލިސްޓުގައި ދެން އޮތީ ޑިފެންސް މިނިސްޓަރ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީއެވެ. ލިސްޓުގައި ދެން ހިމެނެނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބުދު ﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބުދުއްރަހީމް އަބުދުލްލަތީފުގެ ނަމެވެ.

ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު ކޮމާންޑާ އިން ޗީފް އަދި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވަނީ ދައުލަތުގެ ވެރިންނަށް ދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ސިފައިންގެ އެސްޕީޖީ ކޮމާންޑަރުން ބަދަލުކުރުމަށް އަންގަވާފައެވެ. ރައީސް ސޯލިހުގެ އެންގެވުމަށް ކޮމާންޑަރުން މަގާމުން ދުރުކޮށް އެމަގާމުތަކަށް އާ ބޭފުޅުން ވަނީ ހަމަޖައްސާފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަންވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އަންގަވާފައެެވެ.

އެމްޑީޕީގެ އިސް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ނަޝީދަށް އެފަދަ ހަމަލާއެއް ދެވުނީ ސެކިއުރިޓީ ފެއިލް ވެގެންނެވެ. މީގެއިތުރުން ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް ވެސް ފެއިލްވެފައިވާ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން