އިންޓަނެޓާއި ނުލައި އޮންލައިންކޮށް ކިޔަވާ ޕްލެޓްފޯމް، ލޯކަލައިޒްޑް ލާނިން މެނޭޖްމަންޓް ސިސްޓަމް އަންނަ އޮގަސްޓް މަހު ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އިންޓަނެޓުގެ ސްޕީޑާއި ޑޭޓާ އެލަވަންސް ނެތުމުގެ ސަބަބުން ދަރިވަރުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ޕްލެޓްފޯމް، ލޯކަލައިޒްޑް ލާނިން މެނޭޖްމަންޓް ސިސްޓަމެއް ޓެސްޓްކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މި ސިސްޓަމް ޓެސްޓު ކުރެވި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ތަޖުރިބާ ކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ހަފްތާ ތެރޭ މި ޕެލްޓްފޯމް ވަނީ ޓެސްޓުކުރެވިފައި، ދެ ހަފުތާއެއްގެ ތެރޭގައި އަޅުގަނޑުމެން ޕައިލެޓްކުރާނަން، ސުކޫލުތަކުގެ ތެރޭގައި އަންނަ އޮގަސްޓު ނުވަތަ ދިރާސީ އާހަރުގެ ތެރޭގައި މި ޕްލެޓްފޯމް ބޭނުންކުރަން ފެށޭނެ." ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، މި ލާނިން މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށުމުން އިންޓަނެޓް ނުލިބުމާއި ސްޕީޑް ދަށްވުމާއި ގުޅިގެން ދަރިވަރުން ކިޔެވުމަށް ދިމާވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ޢާއިޝަތު އަލީ ވިދާޅުވީ އަންނަ އަހަރު ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ބެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަންނަ އަހަރު ސްކޫލަށް ދަރިވަރުން ވައްދަން ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ފޯމުތަކުގެ ޖަވާބު ހައެއް ޖޫނުން ފަށައިގެން ލިބޭނެ ކަމަށް މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން