ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިން ހާޒިރުކޮށް ބިރުދައްކާ ކަމަށް ވިދާޅުވެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ވަރަށް ބޮޑަށް ފާޑުވިދާޅުވެެއްޖެއެެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު މިހެން ވިދާޅުވެފައިވަނީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތްކަން ނަޝީދަށް އެމްއެންޑީއެފުން އެންގި،" މި ސުރުހީގެ ދަށުން އޮންލައިން ނޫހެއްގައި ޝާއިއުކުރި ރިޕޯޓެއްގެ މައްސަލަ ބަލަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނިއްމާފައިވާ ދަނޑިވަޅެއްގައެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން އަބުރުގެ ގާނޫނު ފާސްކޮށް އެެއަށް ވޯޓް ދިން މެމްބަރުންނާއި ދިމާލަށް ކަރުން ނާރުނަގައި "ބެވި" މީހުން ނޫސްވެރިންނަށް ބިރުދައްކާ މަޖިލީހަށް ހާޒިރުކޮށް ނޫސްވެރިންގެ "ހަންދަމަނީތޯ" ސުވާލު ކުރައްވާފައެވެ.

"މިހާރު މި ބުނަނީ މީ ގުޅައެެއް ނޫނޭ، ގުޅަ ވައްތަރުގެ ބަޖިޔާއޭ." ލ. އަތޮޅު މެމްބަރު ކަންވެސް ކުރެއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، މަޖިލީހުން ރައްޔިތުންނަށް ހާމަކުރާ މައުލޫމާތު ހާމަކުރަނީ ތަޅުމަށް ހުށައަޅައިގެން ކަމަށެވެ. ކޮމެޓީތަކުގެ ޔައުމިއްޔާ ހާމަކުރުމާއި މެދު އިއުތިރާޒެއް އޮތްތޯ މަޖިލީހުގެ ރިޔާސަތުން ސުވާލު ކުރާނެ ކަމަށް 18 ވަނަ މަޖިލީހުގެ ރިޔާސަތު ބެލެހެެއްޓެވި މޫސަ ވިދާޅުވިއެވެ.

"މިހާރު ކޮމެޓީތަކުން އަމިއްލައަށް ޖަލްސާ ބާއްވައި ނޫސްބަޔާން ނެރެ ނޫސް ކޮންފަރެންސް ބާއްވައި، ހުކުމްކޮށް ހަދާ އެބަ." މޫސަ ވިދާޅުވިއެވެ.

އަބުރުގެ ގާނޫނަކީ ނޫސްވެރިންގެ އަނގަބަންދުކޮށް މީޑިޔާތަކަށް ފިޔަވަޅު އަޅައި ސަރުކާރަށް ކިޔާ ފާޑުކިޔުން ހުއްޓުވުމަށް ރައީސް އަބުދުﷲ ޔާމިންގެ ވެރިކަމުގައި ފާސްކުރި ގާނޫނެއް ކަމަށް އޭރުގެ އިދިކޮޅުގައި އޮތް، އަދި މިހާރު ވެރިކަން ކުރާ އެމްޑީޕީގެ އިސްބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. އެެގާނޫނުގެ ދަށުން މީޑިޔާތަކަށް ބޮޑެތި ފިޔަވަޅުތައް އަޅައި އަދަބުދީ ޖޫރިމަނާވެސް ކޮށްފައިވެއެވެ. އަބުރުގެ ގާނޫނު އުވާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވިތާ މާގިނަ ދުވަހެއް ނުވެ ހިގަމުން މިދާ 19 ވަނަ ރައްޔިތުންެގެ މަޖިލީހުން ވަނީ އެ ގާނޫނު އުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން