ދައުލަތުގެ މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުން ފައިސާ ހޯދަން އުޅުމަކީ ކޮންގެންވާނޭ ކަމެއް ނޫންކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނާއި ރައީސް ސާލިހުގެ ކެބިނެޓްގައި ވެސް ވަޒީރުގެ މަގާމު ފުރުއްވި މަލީހު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޝައިނީގެ ލީކު ކޮށްލާފައިވާ އޯޑިއޯގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ޑރ. ޝައިނީ ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެފައިވާއިރު، އެ އޯޑިއޯގައި ޝައިނީ ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރައީސް ޔާމީން އަތްޕުޅުން ފައިސާއާއި ފްލެޓް ހޯއްދަވަން އުޅުއްވުމުން އެކަންކަން ނުކޮށްދެއްވި ކަމަށް ވިދާޅުވި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަށްވާފައި ވެއެވެ.

ޝައިނީގެ ވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރަކަށް ހުންނެވި މަލީހު ވިދާޅުވީ، ޝައިނީ ދައްކަވަނީ ބަލައިގަނެވޭވަރަށްވުރެ، ހަޑި ހުތުރު ވާހަކަތަކެއްކަމަށެވެ. އަދި ގޯތި ހޯދަން ޝަކުވާކުރުމާއި ރައީސް އަތްޕުޅުން ފައިސާ ހޯދަން މަސައްކަތްކުރުމަކީ މިނިސްޓަރުން ކޮށްގެން ވާނޭ ކަންކަން ނޫންކަމަށް މަލީހު ވިދާޅުވިއެވެ.

"‏ޝައިނީ އެދައްކަނީ ހަޑިހުތުރު ވާހަކަ. މިނިސްޓަރުން ނުޖެހޭނެ ރައީސް އަތުން ފައިސާ ހޯދާކަށް. އަދި އަމުދުން ގޯތި ނުލިބިގެން ޝަކުވާކުރަނީ ކޮން ހަމަޔަކުންތޯ؟" މަލީހު ވިދާޅުވިއެވެ.



މަލީހު ވިދާޅުވީ ޝައިނީގެ ވާހަކަތަކުން ރައީސް ޔާމީންގެ ލީޑަރޝިޕް ފެނިގެން ގޮސްފައިވާކަމަށެވެ.

"ފައިސާވެސް އަދި ގޯތިވެސް ނުދިނުމުން ރައީސް ޔާމީންގެ ލީޑަރޝިޕް ފެނިގެންދޭ. ޝައިނީ އުމުރަށް ރ. ޔާމިނަށް ޝުކުރުއަދާ ކުރުން ހައްޤު." ރައީސް ޔާމިންގެ އެސިޔާސަތަށް ތާއީދު ކުރަށްވަމުން މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމިން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީގެ އަޑު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ އޯޑިއޯގައި ޝައިނީ ވަނީ ކެބިނެޓުގައި ހުންނަވައިގެން ސަރުކާރު ވައްޓާލަން އުޅުއްވި ކަމަށްވެސް އިއުތިރާފުވެ ވަޑައިގެންފައެވެ. އެގޮތުން ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައިވެސް "ސްޓިންގް އޮޕަރޭޝަން" ހިންގީ އޭނާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ހުކުމުގެ ފަހުންވެސް ސަރުކާރު ވައްޓާލަން ވަރަށް މަސައްކަތްކުރެއްވި ކަމަށާއި އެގޮތުން އެކަމަށް ޚަރަދުކުރި ބައެއް ފައިސާއާ ހަވާލުވީ އޭނާ ފޮނުވި ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރައީސް ޔާމީނު އޭނާއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށާއި، ފްލެޓެއްވެސް ލިބޭނެގޮތް ތަނަވަސްކޮށް ނުދެއްވި ކަމަށެވެ. ލާރިކޮޅެއް ދޭން ވިދާޅުވުމުން އެއް ލައްކަ ރުފިޔާވެސް ނުދެއްވުނު ކަމަށާއި، އެހެންކަމުން ރައީސް ޔާމީނަށްޓަކައި މިއަދު އޭނާ ކޮށްދެންޖެހޭ ކަމެއް ނޯންނާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ މި އޯޑިއޯއަކީ ޝައިނީ ކޮންއިރަކު ކޮންތާކު، ކޮންބަޔަކާއެކު ދައްކަވާފައިވާ ވާހަކަތަކެއް ކަމެއް ނޭނގެއެވެ. ރައީސް ޔާމިންގެ ވެރިކަން ނިމުނު ފަހުން ޑރ. ޝައިނީގެ އެއްވެސް އަޑެއް މިހާތަނަށް އިވިފައެއް ނުވެއެވެ. 


ކިޔުންތެރިންގެ ހިޔާލު


7

އަލީ

03-Jun-2021

މަލީހައް ލިބުނުވަރު މަދީ މިބައި ގަނޑު ޤަމުލޫޓްވާ ލައި ކޮންވާހަކަ ދައްކާކައް



ޓްރެންޑިން