މާލޭގެ މިސްކިތްތަކުން ފެން ކަނޑާލައި، ފާހާނާތައް ބޭނުންނުކުރެވޭ ގޮތް ހެދީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން އަންގައިގެންކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފު ސޮއިކުރައްވައި މާލެ ސިޓީ ކައުންސިލަށް ފޮނުއްވި ސިޓީއަކުންނެވެ.

މިމަހުގެ 29 ވަނަ ދުވަހު ފޮނުއްވާފައިވާ މި ސިޓީގައި ވަނީ މާލޭ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުވެ ހުންނާތީ ޕޮލިސީ ގްރޫޕްގައި މަޝްވަރާކޮށް ނިންމާފައިވާ ނިންމުންތަކުގެ ވާކަމަށެވެ. އެގޮތުން މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާތަކާއި އިސްކުރުބަރިތައް ބަންދު ނުކޮށް ހުންނާތީ އަދިވެސް ގިނަބަޔަކު އެތަންތަން ބޭނުންކުރާތީ ބަލިފެތުރުން އިތުރުވުމުގެ ފުރުސަތު އޮތަތީވެ، މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާތައް ބޭނުންނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް ޕޮލިސީ ގްރޫޕް ބައްދަލުވުމުން ނިންމަވާފައިވާކަމަށް ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައިވެއެވެ.

އެހެންކަމުން ޕޮލިސީ ގުރޫޕްގެ ނިންމުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ބަންދުކޮށް ބޭނުން ނުކުރެވޭ ގޮތަށް މިސްކިތްތަކުގެ ފެންކަނޑާލުމަށް އަދި މިސްކިތްތަކުގެ ފާޚަނާތައް ބަންދުކުރުމަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ސިޓީ ކައުންސިލަށް އަންގާފައިވެއެވެ.

އެލްޖީއޭގެ ސިޓީއާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮވިޑް-19އާ ގުޅޭގޮތުން ޕޮލިސީ ގުރޫޕްގެ ބޭފުޅުންނާއެކު މިމަހުގެ 26 ވަނަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތައްވެސް ފޮނުވާފައިވެއެވެ.

ކޮވިޑާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ފަރުޟު ނަމާދު ކުރުން ހުއްޓާލާފައިވަނީ މި މެއި މަހުގެ 19 ވަނަ ދުވަހުއެވެ. ކޯވިޑް ކޮންޓްރޯލް ކުރުމަށްކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ މި މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގެ މިސްކިތްތައް އެއްކޮށް ބަންދު ކޮށްފައިވަނީ، ބައެއް ފަރާތްތަކުން މިނިސްޓްރީގެ ނިންމުމަށް އިޙްތިރާމްނުކޮށް މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ދާތީކަމަށް ބުނެއެވެ.

މިސްކިތްތައް ބަންދުކުރަން ނިންމި ނަމަވެސް މިހާރު އަމަލުކުރާ ގޮތަށް މިސްކިތަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ފެން ކަނޑާލައި ފާޚާނާތައް ބަންދުކުރުމަކީ މާބޮޑަށް ހަރުކަށިވުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް ބައެއް ދީނީ ޢިލްމުވެރީންވެސް ވަނީ ވިދާޅުވެފައެވެ. އަދި ގޭގައި ނަމާދުކޮށްލެވެން ނެތް ފަރާތްތައް ވަކިވަކިން މިސްކިތަށް އަރައި ނަމާދު ކޮށްލުމަށް ފުރުސަތު ދިނުމަށް އެފަދަ ފަރާތްތަކުން ގޮވާލާފައި ވެއެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ބަންދުކޮށްފައިވާ ގޮތަށް މިސްކިތްތައް ބަންދު ކުރީ ބައެއް މީހުން އުސޫލާ ޚިލާފަށް މިސްކިތައް އަރައި ޖަމާއަތް ހަދައިގެން ނަމާދުކުރާތީ ކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން