މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމަށް މިމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެކަން ނުވެ މޭމަސް ނިމިގެން ދިއުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

މޭމަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނެކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މިދިޔަ އޭޕްރީލްމަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. ނަމަވެސް މިމަހު އެކަމަށް ހުޅުވާ ނުލެވުނީ މިހާރު ފެތުރެމުންދާ ކޯވިޑްގެ ސަބަބުން ކަމަށް ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިއަދު މީޑިއާއެއްގައި ވިދާޅުވެފައި ވެއެވެ. ނަމަވެސް ރަސްމީކޮށް އެވާހަކަ އަދި މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ.

އެބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަމަށް ކޮންމެހެންވެސް ބޭނުންވާ 5600 އާއިލާ ތިބިކަމަށެވެ. އަދި އެމީހުން އުޅެނީ ކުދިކުދި ތަންތަންކޮޅުގައިކަމަށާއި އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށެވެ.

އަސްލަމް ވިދާޅުވީ އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިމަހުގެ ތެރޭގައި ހުޅުވާލާނެކަަމަށެވެ. ނަމަވެސް މިމަސް ނިމިގެންދިޔައިރުވެސް ސަރުކާރަށް އެކަން ކުރެވިފައެއް ނުވާތީ ގިނަ ބަޔަކު ވަނީ ފާޑުކިޔަން ފަށާފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ހައުސިންގ މިނިސްޓްރީން ބުނީ މާލޭ ރަށްވެހިންނަށް ހާއްސަކޮށްގެން އިއުލާންކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އިއުލާން ނުކުރެވުނީ ކޯވިޑާ ގުޅިގެންކަމަށެވެ. ނަމަވެސް އަންނަމަހު އެމަސައްކަތް ފެށޭވަރުވާނޭކަމަށްވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.



މާލޭ ރަށްވެހިންނަށް ޚާއްސަކޮށްގެން ފަށަން އުޅުނު ބޯހިޔާވަހިކަމުގެ މަޝްރޫޢު ފެށިފައިނުވާއިރު، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 7000 ހައުސިންގ ޔުނިޓް ހަވާލުކުރުމުގެ މަސައްކަތްވެސް މިސަރުކާރުން އޮތީ މަޑުޖައްސާލާފައެވެ. އެޗްޑީސީން ބުނާގޮތުން އެމަސައްކަތްވެސް ލަސްވެފައި އޮތީ ކޯވިޑާ ގުޅިގެންކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން