މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު ފިލައިގެން އުޅެނިކޮށް މާލެ ގެނެސްފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ، އަންމަޓީގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ 13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވާކަމަށެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް:-

1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދަޢުވާ.

2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 (ފަންސަވީސް) ދަޢުވާ.

3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 (ފަހެއް) ދަޢުވާ.

މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ފެންނަކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކާއި ގުޅިގެންނެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފްލެޓްތައްވެސް ނާޅާ އެފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވްމެބަރުމަހުގައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން