ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އައްޑޫ ސިޓީން ހައްޔަރުކުރި ހަރުކަށި ފިކުރުގެ 9 މީހުންގެ ތެރެއިން 5 މީހަކު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 9 މީހުންގެ ބަންދަށް ޖަހާފައިވާ 15 ދުވަސް ހަމަވުމާއިއެކު އިއްޔެ އެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް އެމީހުން ހާޒިރުކުރުމުން އޭގެތެރެއިން ފަސްމީހުން ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އޭގެ ކުރިންވެސް ކޯޓުން ވަނީ އޭގެ ތެރެއިން އަކަކު ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އެމީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމަވާފައެވެ. ފުލުހުން ވެސް ބުނީ އެމީހުން ކޯޓުން ދޫކޮށްލި ނަމަވެސް އެމީހުންނަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްލަން ޖެހުނު ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ޖަލުތަކުގައި ބަންދު ކުރުމަށް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށާއި، އެކަންކަމަށް ޙައްލެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަންކަން އޮޅުން ފިލުވުމަށް ބަންޑާރަނާއިބު މަޖިލީހަށް ޙާޟިރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ. ހަމައެއާއެކު ސަރުކާރުން މިހާރު ވަނީ ޓެރަރިޒަމްގެ ޤާނޫނަށް ބަދަލުތަކެއް ގެނައުމަށްވެސް ނިންމަވާފައެވެ.

މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 4 މީހުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން