މޯލްޑިވިއަން އައިޑަލްގެ ތަރި މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލުމުން، އޭނާގެ ފަރާތުން ޒުވާނުން ނަމޫނާ ލިބިގަތުމަށް ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒު ގޮވާލައިފިއެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އިޝާން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއުޒިކް ކުޅެ އަޑު އެހުމަކީ މާތް ﷲ އާއި ތިބާއާއި ދެމެގައި އޮތް ގުޅުން ވަރަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށެވެ. އަދި އެއީ ޝައިތާނާ ބޭނުން ކޮންމެ ގޮތަކަށް ތިބާގެ ނަފްސު ކޮންޓްރޯލް ކޮށްލާ ކަމެއް ކަމަށް އިޝާން ވަނީ ބުނެފައެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ، ކޮށްލާ އެންމެ ސަޖިދައަކުން ހިތަށް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތައްވީ އިހްސާސްތަކާއި ނުބައްދަލު." އިޝާން ބުނެފައި ވެއެވެ.

އިޝާން ބުނީ އެންމެ ރެއަކުން އޭނާއަށް ކުރިން ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށެވެ. އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި، އާމީން" އިޝާން ބުނެފައި ވެއެވެ.

އެކަމާ ގުޅިގެން އަލީ ރަމީޒު ބުނީ އިޝާން ލަވަ ކިޔުން ހުއްޓާލި ހަބަރަކީ ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ. އަދި އިޝާނަކީ ޒުވާނުންނަށް ނަމޫނާ އެއް ކަމަށް ވެސް އަލީ ރަމީޒު ބުނެފައި ވެއެވެ.

"ﷲ ހަރާމް ކުރައްވާފައިވާ މިއުޒިކްގެ އަވައިގައި ޖެހިފައި ތިބި ހުރިހާ ޒުވާނުން މިފަދަ ނަމޫނާ ތަކުން އިބުރަތް ހާސިލް ކުރަން ޖެހޭ." ސަލަފު ޖަމިއްޔާއާއެކު ދީނީ މަސައްކަތް ތަކުގައި މިހާރު ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން ގެންދާ އަލީ ރަމީޒު ބުނެފައިވެއެވެ.

އިޝާން ވަނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ތިން ވަނަ ހޯދާފައެވެ. އައިޑަލް އަށްފަހު އިޝާން ވަނީ ރިސޯޓުތަކާއި އެކި ޝޯތައް ހުށައަޅައިދީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ަިްއާންތު

06-May-2020

ވަރަށް އުފާވެއްޖެ



ޓްރެންޑިން